ޕީއެންސީގެ ލީޑަރޝިޕަށް ރައީސް އައްޔަނުކުރެއްވި 10 ބޭފުޅުން
ޕީއެންސީގެ ލީޑަރޝިޕަށް ރައީސް އައްޔަނުކުރެއްވި 10 ބޭފުޅުން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ލީޑާޝިޕް ވަރުގަދަކުރުމުގެ ގޮތުން، އެ ޕާޓީގެ އިސް ސަފަށް އިތުރު 10 ބޭފުޅަކު ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަންކުރައްވައިފިއެވެ.

މި ބޭފުޅުން ލީޑާޝިޕަށް ހަމަޖައްސަވާފައިވަނީ ޕީއެންސީގެ އަސާސީ ގަވާއިދުން ޕާޓީގެ ރައީސަށް ލިބިދޭ އިހުތިޔާރުގެ ދަށުންނެވެ. އަލަށް އައްޔަންކުރެއްވި ބޭފުޅުންގެ ތެރޭގައި ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ވަޒީރުންގެ

ފެންވަރުގެ އިސް ވެރިންގެ އިތުރުން ސަފީރަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތިން މެނޭޖިންގ ޑިރެކްޓަރުން ހިމެނިވަޑައިގަންނަވައެވެ.

ވަޒީރުންގެ މަޖިލީހުން ޕީއެންސީގެ ލީޑާޝިޕަށް އައްޔަންކުރެއްވި ބޭފުޅުންނަކީ:

- މިނިސްޓަރު މުހައްމަދު އަމީން

- މިނިސްޓަރު ގީލާ އަލީ

- މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

މީގެއިތުރުން ވަޒީރުންގެ ފެންވަރުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މި މަގާމުތަކަށް ހަމަޖެއްސެވީ:

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާސިރު

- ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒް

- މިނިސްޓަރު ފެންވަރުގެ ބޭފުޅެއް ކަމަށްވާ މުހައްމަދު ތޮލާލް

ޑިޕްލޮމެޓިކް ދާއިރާގައި ސަފީރުކަމުގެ މަގާމުގައި ހުންނެވި ބޭފުޅުންގެ ތެރެއިން ލީޑާޝިޕަށް އައްޔަންކުރެއްވީ ކުރީގެ ޑިފެންސް މިނިސްޓަރު އަދި ކުރިން ވެސް އެ ޕާޓީގެ ނައިބު ލީޑަރުކަން ކުރެއްވި އާދަމް ޝަރީފް އުމަރެވެ.

ސަރުކާރުގެ ކުންފުނިތަކުގެ ވެރިންގެ ތެރެއިން ޕާޓީގެ ލީޑާޝިޕަށް ހަމަޖެއްސެވި ބޭފުޅުންނަކީ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް އާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހައިރުގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލެވެ.

ޕީއެންސީގެ ލީޑާޝިޕަށް އަލަށް އައްޔަންކުރެއްވި މި ހުރިހާ ބޭފުޅުން ވެސް ވަނީ މިއަދު އެ މަގާމުތަކުގެ އިގުރާރުގައި ސޮއިކުރައްވައި، ރަސްމީކޮށް ހުވާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު