ޕީއެންސީގެ އާ ލީޑާރޝިޕް ހުވާކުރުން
ޕީއެންސީގެ އާ ލީޑާރޝިޕް ހުވާކުރުން
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީހުން އެ ޕާޓީގެ ލީޑާޝިޕަށް އިންތިޚާބުކުރި ބޭފުޅުންނާއި، ޕާޓީގެ ރައީސް އައްޔަންކުރެއްވި ބޭފުޅުން މިއަދު ރަސްމީކޮށް ހުވާކުރައްވައި މަގާމުތަކާ ހަވާލުވެވަޑައިގެންފިއެވެ.

މިއަދު މެންދުރުފަހު ބޭއްވި ޕީއެންސީ ކޮންގްރެސްގެ ހާއްސަ ދަންފަޅީގައި އޮތް މި ރަސްމިއްޔާތުގައި، ޕާޓީގެ ލީޑާޝިޕްގެ އާ މެންބަރުން ހުވާކުރެއްވީ ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުރިފުޅުމަތީގައެވެ. މި ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ކުރީގެ ފަނޑިޔާރު އަދި އެ ޕާޓީގެ މިހާރުގެ މެންބަރު މުހްތާޒް މުހުސިނެވެ.

މިއަދުގެ ދަންފަޅީގައި ހުވާކުރެއްވި ބޭފުޅުންގެ ތެރޭގައި ޕާޓީގެ ނައިބު ރައީސުންނާއި، މެންބަރުންގެ މަޖިލީހަށް އިންތިޚާބުވި އަންހެން މެންބަރުންނާއި، ޒުވާނުންގެ މެންބަރުންގެ އިތުރުން އާންމު މެންބަރުން ހިމެނިވަޑައިގަންނަވައެވެ. އަދި މީގެ އިތުރުން ޕާޓީގެ އެކި ގޮފިތަކުގެ ރައީސުންނާއި އިދާރީ އިސް މަގާމުތަކަށް އިންތިޚާބުވި ބޭފުޅުން ވެސް ވަނީ ހުވާކުރައްވާފައެވެ.

އިންތިޚާބުވި މެންބަރުންގެ އިތުރުން، ޕީއެންސީގެ އަސާސީ ގަވާއިދުގެ ދަށުން ޕާޓީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ލީޑާޝިޕަށް އައްޔަންކުރެއްވި 10 ބޭފުޅުން ވެސް މި ރަސްމިއްޔާތުގައި މަގާމުގެ ހުވާ ކުރެއްވި އެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ވަޒީރުންގެ މަޖިލީހުގެ ބައެއް ވަޒީރުންނާއި، ވަޒީރުންގެ ފެންވަރުގެ ބޭފުޅުންގެ އިތުރުން ސަފީރަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތިން މެނޭޖިން ޑިރެކްޓަރުންނެވެ.

މިއަދު މަގާމުތަކާ ހަވާލުވެވަޑައިގެންނެވި އާ ލީޑާޝިޕާއެކު، ޕީއެންސީގެ ސިޔާސީ ހަރަކާތްތަކާއި އިދާރީ ހިންގުން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި ޕާޓީގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު