ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް
ދިވެހިރާއްޖޭގެ ނާޒުކު ތިމާވެށި ރައްކާތެރިކުރުމަށާއި، ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އަލުން އާލާކޮށް ފެހިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ޢާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ޤައުމީ ބޮޑު ހަރަކާތުގެ ދަށުން މިހާތަނަށް ޖުމްލަ 2،040،866 (ދެ މިލިއަން ސާޅީސް ހާސް އަށްސަތޭކަ ފަސްދޮޅަސް ހައެއް) ގަސް ވަނީ އިންދާފައެވެ. މި މަޝްރޫޢުގެ ދަށުން އެކި މަރުޙަލާތަކުގައި ޖުމްލަ 5،859،394 ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، މި އަމާޒަށް ވާސިލުވުމަށްޓަކައި ދެން އިތުރަށް އިންދަން ޖެހެނީ 3،818،528 ގަހެވެ.

ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ފެށި ތިމާވެށީގެ އެންމެ ބޮޑު މި މަޝްރޫޢު ކުރިއަށްދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތައް އަދި އަމިއްލަ ފަރާތްތަކުގެ ވަރަށް ބޮޑު އެއްބާރުލުމަކާއެކުގައެވެ. މިގޮތުން، މިއީ 5 މިލިއަން ގަސް އިންދުމަށް ފެށި ޕްރޮގްރާމެއް ނަމަވެސް، އެކި ފަރާތްތަކުން ވެފައިވާ ވަޢުދުތަކާއެކު ޖުމްލަ 6.4 މިލިއަން ގަސް އިންދުމަށް މިހާރު ވަނީ ޢަމާޒު ހިފާފައެވެ.

މިހާތަނަށް އެކި ކުންފުނިތަކުން އިންދާފައިވާ ގަސްތަކުގެ ތަފްޞީލަށް ބަލާއިރު، އެންމެ ބޮޑު ޙިއްޞާއެއް އަދާކޮށްފައިވަނީ ރޯޒްވުޑް ކުންފުނިންނެވެ. އެ ކުންފުނިން ވަނީ 1,478,244 ގަސް އިންދައި، މުޅި ޕްރޮގްރާމުގެ 25.2 އިންސައްތަ ހަމަކޮށްފައެވެ. މީގެއިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 1,002,856 ގަސް (17.1 އިންސައްތަ) އިންދާފައިވާއިރު، އެމްއޭސީއެލް އަދި އެމްޓީސީސީ، މިއިން ކޮންމެ ކުންފުންޏަކުން ވަނީ އެއް މިލިއަން ގަސް އިންދައިގެން، ކޮންމެ ކުންފުންޏަކުން 17.1 އިންސައްތަ ހިއްސާކޮށްފައެވެ. އަދި އެސްޑީއެމް ފާމުން 750,000 ގަސް (12.8 އިންސައްތަ) އިންދާފައިވާއިރު، ސްޓެލްކޯ އިން ވަނީ 500,000 ގަސް އިންދައިގެން 8.5 އިންސައްތަ ހަމަކޮށްފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި މަޝްރޫޢު ހުއްޓުމެއްނެތި ބާރު ދުވެލީގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށްޓަކައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ގަސް އިންދުމަށް ބޭނުންވާ ގަސްތައް އަމިއްލައަށް އާލާކުރުމަށް މަގުފަހިކުރުމުގެ ގޮތުން، ރާއްޖޭގެ 10 ރަށެއްގައި ނާސަރީ އެޅުމަށް ވަނީ ގްރާންޓް އެހީ ދޫކޮށްފައެވެ. ހަމައެއާއެކު، ހުޅުމާލޭގައި ޤާއިމުކުރާ ޒަމާނީ "ގްރީން ނާސަރީ" ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތްވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ.



ކިޔުންތެރިންގެ ހިޔާލު