އެއާ އޭޝިއާގެ ފްލައިޓެއް
އެއާ އޭޝިއާގެ ފްލައިޓެއް
މެލޭޝިއާގެ މަޝްހޫރު ބަޖެޓް އެއާލައިން، އެއަރއޭޝިއާއަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާ ގުޅިގެން، އެ އެއާލައިންގެ އެތެރޭގެ އުދުހުންތަކާއި ފަސިންޖަރުން ނެގިދާނެތޯ ބެލުމަށް މެލޭޝިއާ ސަރުކާރުން މެލޭޝިއާ އެއާލައިންސް އަދި ބަޓިކް އެއާ މެލޭޝިއާއާ މަޝްވަރާކުރަމުންދާ ކަމަށް ރޮއިޓާސްއިން ރިޕޯޓްކޮށްފިއެވެ.

މި މަޝްވަރާތަކަކީ ތެލުގެ އަގު އިންތިހާއަށް އުފުލުމާއި، ބޮޑެތި މާލީ ޒިންމާތަކެއް އުފުލަން ޖެހިފައިވާ އެއަރއޭޝިއާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބަލައި ސަރުކާރުން ތައްޔާރުވަމުން އަންނަ ކުއްލި ފިޔަވަޅުތަކުގެ ތެރެއިން ކުރިއަށްދާ މަޝްވަރާތަކެކެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަނެއް ދެ އެއާލައިނުން ވެސް އަމިއްލަ ގޮތުން ޚިދުމަތް ފުޅާކުރުމުގެ ޝައުޤުވެރިކަން ހުރި ނަމަވެސް، އެއަރއޭޝިއާގެ އެއަރކްރާފްޓް ލީސްތަކާ ހަވާލުނުވެ، އެއްފަހަރާ ބޮޑު އޮޕަރޭޝަނެއް ހިންގުމަކީ ދަތި ކަމަކަށް ވާނެއެވެ.

މިދިޔަ ޖޫން މަހުގެ 30 ގެ ނިޔަލަށް ނިމުނު ކުއާޓަރުގައި އެއަރއޭޝިއާއަށް ގާތްގަނޑަކަށް 831 މިލިއަން ރިންގިޓްގެ ސާފު ގެއްލުމެއް ލިބިފައިވާއިރު، އެ ކުންފުނީގެ ދަރަނި ވަނީ 18.4 ބިލިއަން ރިންގިޓަށް އަރާފައެވެ. މި ދަތިތަކުން އަރައިގަތުމަށްޓަކައި ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން 1 ބިލިއަން އެމެރިކާ ޑޮލަރާ ހަމައަށް ލޯނު ހޯދުމަށާއި، މެލޭޝިއާގެ އެތެރެއިން 700 މިލިއަން ރިންގިޓްގެ ކްރެޑިޓް ފެސިލިޓީއެއް ހޯދުމަށް އެ އެއާލައިނުން ދަނީ މަސައްކަތް ކުރަމުންނެވެ.

މީގެ އިތުރުން، އެއަރއޭޝިއާއަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުން ވިސްނަމުންދާތީ، އެ ކުންފުންޏަށް ބޭނުންވާ މާލީ އެހީތެރިކަމުގެ މިންވަރު ދިރާސާކުރުމަށްޓަކައި އަލްޓަން އޭވިއޭޝަން ކޮންސަލްޓަންސީ ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައެވެ.

ނަމަވެސް، އެއަރއޭޝިއާއިން ބުނަމުންދަނީ އެ ކުންފުނީގެ މާލީ ޕްލޭންތައް ފުރިހަމަ ކަމަށާއި، މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ދަތުރުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު