ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރިޔާސީ ޓިކެޓު، ޕްރައިމެރީއަކާ ނުލައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެރުވުމަށް އެ ޕާޓީގެ މަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ ޕީއެންސީގެ މަތީ މަޖިލިސް ކޮންގްރެސްއަށް މި ގަރާރު ހުށަހެޅުއްވީ އެ ޕާޓީގެ މެންބަރު ޢަބްދުﷲ އިބްރާހީމެވެ.

މި ގަރާރުގައި ބަޔާންކޮށްފައިވަނީ ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ދުޅަހެޔޮކަމުގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އަގުހުރި މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ކަމަށެވެ.

އެގޮތުން، ރާއްޖޭގެ ފަސްގަނޑުގައި ބޭރުގެ އެއްވެސް އަސްކަރީ ބާރެއް ނެތްކަން ކަށަވަރުކުރައްވައި، ކަނޑުގެ ސަރަޙައްދު އަމިއްލައަށް ބެލެހެއްޓުމުގެ ޤާބިލުކަން ޒަމާނީ އަސްކަރީ ވަސީލަތްތަކާއެކު އިތުރުކުރައްވާފައިވާކަން ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، މާލީ އިޞްލާޙީ ފިޔަވަޅުތަކާއެކު ޒިންމާދާރުކަމާއެކު ދަރަނި އަދާކުރެއްވުމާއި، "ރަސްމާލެ" ފަދަ ބިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ފެށްޓެވުމާއި، ޑިޖިޓަލް އިޤްތިޞާދާއި އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރައްވާ ކާމިޔާބު މަސައްކަތްޕުޅުތަކަކީ ޕްރައިމެރީއަކާ ނުލައި އެމަނިކުފާނަށް ޓިކެޓު ދޭންޖެހޭ މުހިންމު ސަބަބުތަކެއްގެ ގޮތުގައި ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

މި ގަރާރު ކޮންގްރެސްއަށް ހުށަހެޅުމާ ގުޅިގެން، ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ޖަލްސާ ފެށީ މިފަދަ ހުށަހެޅުމެއް އަތުވެދާނެކަމަށް ބަލައިގެން ނޫންކަމަށެވެ. ނަމަވެސް، ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ހުށަހެޅުނު ގަރާރާމެދު ބަހުސްކޮށް، މެންބަރުންގެ މެދުގައި ވާހަކަދައްކައި ޚިޔާލު ބަދަލުކުރުމުގެ ފުރުޞަތު ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު