މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރު އަޙްމަދު ނާރިޝް
މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރު އަޙްމަދު ނާރިޝް
ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މިފަހަރުގެ ކޮންގްރެސް ވެގެންދާނީ ރާއްޖޭގެ ސިޔާސީ ޙަޔާތުގައި އެހެން ޕާޓީތަކުން ނަމޫނާ ނަގާނެ ފަދަ ތާރީޚީ އަދި ފުރިހަމަ ހަރަކާތަކަށް ކަމަށް މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ އެޑްވައިޒަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ކޮންގްރެސްގެ ތެރެއިން ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ޕާޓީގެ ލީޑަރޝިޕާ ޙަވާލުވެވަޑައިގެން، ޕާޓީ ހިންގެވުމަށް ގެންނެވި ހެޔޮ ބަދަލުތަކުގެ ފުރިހަމަ ނަތީޖާ މިއަދު ފެންނަމުންދާ ކަމަށެވެ. އަދި މި ކޮންގްރެސް ނިމިގެންދާއިރު، ރާއްޖޭގެ މީޑިއާތަކުގެ ސުރުޚީތަކުން ފެށިގެން އާންމުންގެ މެދުގައި ވެސް މި ކޮންގްރެސްގެ ކާމިޔާބީގެ އަޑު ގަދަވެ، އޭގެ ހެޔޮ އަސަރު މުޅި ސިޔާސީ މައިދާނުން ފެނިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ނަރީޝް ފާހަގަކުރެއްވި ގޮތުގައި، ޕީއެންސީގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މިންވަރާއި، ކޮންގްރެސްގައި ބައިވެރިވި މަންދޫބުންގެ ފަރާތުން ފެނިގެންދިޔަ ޖޯޝާއި ފޯރިއަކީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތަކަށް ރައްޔިތުން ކުރާ އިތުބާރު ހާމަކޮށްދޭ އަލިގަދަ ހެއްކެކެވެ. އަދި މި ހަރަކާތުގެ ސަބަބުން ޕާޓީއާމެދު ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ތާޢީދު ވަރަށް ސާފުކޮށް ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަރީޝްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ޕީއެންސީން އަބަދުވެސް މަސައްކަތްކުރާނީ ރައްޔިތުންގެ އަޑުއަހައިގެން، ޤައުމީ މަޞްލަޙަތު އިސްކޮށްގެން ސިޔާސީ ހަރަކާތްތައް ހިންގުމަށް ކަމަށެވެ. އަދި މިއަދު ފެށިގެން މިދިޔަ ބަދަލުތަކާއެކު، ކުރިއަށް އޮތް ތަނުގައި ޕީއެންސީ ވެގެންދާނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގައި އެންމެ ހަރުދަނާ، ޑިމޮކްރެޓިކް އަދި ރައްޔިތުންނާ އެންމެ ގާތުން ޚިދުމަތްކުރާ ނަމޫނާ ޕާޓީއަށް ކަމުގެ ޔަޤީންކަން ވެސް އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު