ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
އިސްލާމްދީނުގެ އެންމެ މާތް އަދި މުޤައްދަސް ބިން ކަމުގައިވާ މައްކާއަށް އަމާޒުކޮށް ދޭން އުޅުނު ޑްރޯން ހަމަލާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ޙޫޘީން މައްކާއަށް އަމާޒުކޮށް ދޭން އުޅުނު މި ނުރައްކާތެރި ހަމަލާ އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރަށްވާ ކަމަށެވެ. އަދި މާތްވެގެންވާ މައްކާގެ ސަލާމަތާއި ރައްކާތެރިކަމަށް، އަދި އެ ބިމުގެ ޙުރުމަތަށް އަރައިގަތުމަށް ކުރާ އެއްވެސް ޢަމަލަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ މުޅި އިސްލާމީ އުންމަތަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައަކާއި ނުތަނަވަސްކަމެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހިރާއްޖެ އޮތީ ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނާއެކު ފުރިހަމަ އެއްބައިވަންތަކަން މަތީގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މައްކާއާއި، އެ ތަނުގައި ތިބި ޢުމްރާވެރިންނާއި ޙައްޖާޖީންނާއި، އަދި އެ ސަހަރުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރޯޔަލް ސަޢޫދީ އެއާ ޑިފެންސް ފޯސަސްއިން ވަގުތުން އެޅި ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކަށް އެމަނިކުފާނު ވަނީ ތަޢުރީފު ކުރަށްވާފައެވެ.

މީގެއިތުރުން، މިފަދަ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލައްވަމުން، މަސްރަޙު އިތުރަށް ގޯސްވިޔަ ނުދިނުމަށާއި، ސުލްޙަވެރިކަމާއި ވާހަކަދެއްކުމުގެ މަގު ޚިޔާރުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ރައީސް މުޢިއްޒު ވަނީ އިލްތިމާސް ކުރަށްވާފައެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު ސަޢޫދީ ޢަރަބިއްޔާގެ މައްކާއަށް ހަމަލާދިނުމަށް ޔަމަނުގެ ހަތިޔާރުއެޅި ޙޫޘީ ޖަމާޢަތުން ފޮނުވައިލިކަމަށް ބުނާ ޑްރޯނެއް ސަޢޫދީ ޢަރަބިއްޔާގެ ވައިގެ ސިފައިން ދިފާޢުކޮށް ވަނީ ވައްޓާލައިފައެވެ. މި ޑްރޯން ވައްޓައިލާފައި ވަނީ ސެޕްޓެންބަރު 15 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާ ގަޑިން ގާތްގަނޑަށް އިރުއޮއްސި 6:50 ހާއިރު، މައްކާގެ ދެކުނުގެ ސަރަހައްދުންނެވެ.

މި ހާދިސާއާ ގުޅިގެން، އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓުން ވަނީ ބަޔާނެއް ނެރެ، އެންމެ ހަރުކަށި އިބާރާތުން މި ހަމަލާ ކުށްވެރި ކޮށްފައެވެ. އަދި މައްކާއާއި މަދީނާ ސަރަޙައްދަށް އަމާޒުކޮށް ޙޫޘީ ޖަމާޢަތުން ދިން ނުރައްކާތެރި ހަމަލާތަކާއި، ސަޢޫދީ ޢަރަބިއްޔާއާ ދެކޮޅަށް އެ ޖަމާޢަތުން ހުއްޓުމެއްނެތި ދެމުންގެންދާ ހަމަލާތައް އޯއައިސީގެ ޖެނެރަލް ސެކްރެޓޭރިއަޓުން ސިފަކޮށްފައިވަނީ، އަޅުކަންކުރާ މިސްކިތްތަކުގެ ޙުރުމަތް ކެނޑުމާއި، އިސްލާމީ އަގުތަކާއި ބައިނަލްއަޤްވާމީ ހަމަތަކާއި ޤާނޫނުތަކާ ޚިލާފު ނިރުބަވެރިކަމުގެ ޢަމަލުތަކެއްގެ ގޮތުގައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް