ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކޮންގްރެސް ރަސްމީކޮށް ފެށުމަށް ބޭއްވި ޖަލްސާގައި، ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ޝަހުސިއްޔަތެއް ކަމަށްވާ މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަތުމަކީ ސިޔާސީ މަޝްރަޙުގައި ވަރަށް ބޮޑު ބަހުސެއް އުފެދުނު ކަމެކެވެ. މިކަމަށް އެކި ފަރާތްތަކުން ތަފާތު ޚިޔާލު ފާޅުކުރަމުންދާއިރު، މިއީ ރާއްޖޭގެ ސިޔާސީ މާހައުލަށް ގެނެވުނު މުހިންމު ބަދަލެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދެކެއެވެ. ޕާޓީތަކުގެ ބޮޑެތި ހަފްލާތަކަށް އެހެން ޕާޓީތަކުގެ ލީޑަރުން ދައުވަތު ދިނުމާއި ބައިވެރިވުމަކީ އާންމުކޮށް އޮންނަ އުސޫލެއް ނަމަވެސް، ރައީސް ނަޝީދުގެ މި ފިޔަވަޅަކީ ސިޔާސީ ވާދަވެރިކަމުގައިވެސް ނަފްރަތު ކުޑަކޮށް، ދެއްކެވި ޑިމޮކްރެސީގެ ރީތި ނަމޫނާއެއް ކަމަށް އެއްބަޔަކު ގަބޫލުކުރެއެވެ. ރޭ ކުރިއަށްދިޔަ ކޮންގްރެސްގެ ރަސްމީ ޖަލްސާއަށް ސިޔާސީ އެހެން ޕާޓީތަކުގެ ލީޑަރުންނަށް ވެސް ދައުވަތު އަރުވާފައިވެއެވެ. އެގޮތުން އެމްޑީޕީގެ އިތުރުން އެމްއެންޕީ އަދި އަދާލަތު ޕާޓީގެ އިސް ވެރިން މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ޖަލްސާގެ ތެރެއިން ރައީސް މުއިއްޒު ވަނީ ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވެ އެމަނިކުފާނާއި ސަލާމް ކުރައްވާފައެވެ. މީގެ ކުރިން އެހެން ޕާޓީގެ ތަކުގެ ކޮންގުރެސްތަކަށް ރައީސް ނަޝީދަށް އެރުވި ދަޢުވަތު އެމަނިކުފާނު ގަބޫލުފުޅު ކުރައްވައި އެޖަލްސާތަކަށް ހާޒިރުވެވަޑައިގެންނެވިއެވެ.

އަނެއްކޮޅުން، ސިޔާސީގޮތުން އިދިކޮޅު ޕާޓީއެއްގެ އިސް މަގާމެއްގައި ހުންނަވައިގެން ވެރިކަންކުރާ ޕާޓީގެ ޖަލްސާއަކަށް ވަޑައިގަތުމަކީ ޕާޓީގެ އާންމު މެންބަރުންގެ ޖަޒުބާތާ ފުށުއަރާ ކަމެއް ކަމަށްބުނެ ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ ރައީސް ނަޝީދަކީ ބަލިގަބޫލުކުރައްވަން އެނގިވަޑައިގަންނަވާ، ޑިމޮކްރަސީއަށް ފައްކާވެފައި ހުންނެވި ހިތްތިރި ލީޑަރެއް ކަމަށެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވެވަޑައިގަތްތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެން ދެއްކެވި ނަމޫނާ ނިހާން ފާހަގަކުރެއްވިއެވެ.ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޗީފް އޮފް ބިއުރޯގެ ނިހާންގެ މި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ރައީސް ނަޝީދުގެ ސިޔާސީ ވިސްނުމާއި ފިކުރަށް ދުވަހަކުވެސް އޭނާ ތާއީދު ނުކުރެއްވި ނަމަވެސް، އެ މަނިކުފާނަކީ އާދަޔާ ޚިލާފު ޝަހްސިއްޔަތެއްކަން ހާމަވާ ކަންކަން އެ މަނިކުފާނު ކުރައްވާފައިވާ ކަމަށެވެ.އެގޮތުން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ވާދަވެރި ދެވަނަ ބުރުން ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީން ކާމިޔާބު ހޯއްދެވި އިރު، އިންތިހާބުން ނާކާމިޔާބުވިތާ 13 ގަޑިއިރު ތެރޭގައި އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެ މަނިކުފާނު ވަޑައިގެންނެވި ހަދާން ނިހާން އާކުރެއްވިއެވެ.

ސިޔާސީ މައިދާނުގައި މަސައްކަތްކުރާ ފަރާތްތަކުގެ ކިބައިގައި ކެތްތެރިކަމާއި ރޫޙު ހުންނަންޖެހޭ މިންވަރު ބޮޑުކަން ފާހަގަކުރައްވައި، ސިޔާސީ މީހުންގެ ހަން ބޯވާންޖެހޭނެ ކަމަށް ނިހާން ވިދާޅުވިއެވެ.ސިޔާސީ ހަޔާތުގައި ކުރިމަތިވާ ކާމިޔާބީއާއި ނާކާމިޔާބީ އުފަލާއެކު ބަލައިގަނެ، ހިތްތިރިކަމާއެކު އެންމެންނާއެކު މަސައްކަތްކުރެވެން ޖެހޭނެކަމަށް ނިހާނު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު