ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ނަމުގައި ވީ އެންމެ އަވަހަކަށް ބޭންކު އެކައުންޓު ހުޅުވުމަށް، ވަޒީފާދޭ އެންމެހައި ފަރާތްތަކަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން މިއަދު އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައި ވަނީ ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ގަވާއިދަށް ގެނައި ބަދަލާ ގުޅިގެންނެވެ.

ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު ގެނައި އިސްލާހުގައިވާ ގޮތުން، ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީ މުވައްޒަފުންގެ މުސާރަ ޖަމާކުރަން ޖެހޭނީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓްރީކޮށްފައިވާ ނުވަތަ އެ އޮތޯރިޓީގެ ހުއްދަ އޮންނަ ބޭންކެއްގައި ހުޅުވާފައިވާ އެ މުވައްޒަފެއްގެ އަމިއްލަ އެކައުންޓަށެވެ. މި ބަދަލާ އެކު، ބިދޭސީންގެ މުސާރައާ ގުޅިގެން ލޭބާ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ މައްސަލަތަކުގައި ވެސް މުސާރަ ދީފައިވާ ކަމަށް ބެލެވޭނީ، އެމްއެމްއޭގެ ހުއްދަ އޮންނަ އެކައުންޓަކަށް ފައިސާ ޖަމާކޮށްފައިވާ ނަމައެވެ.

މީގެ އިތުރުން، ބިދޭސީންގެ މުސާރަ ބޭންކު އެކައުންޓު މެދުވެރިކޮށް ދޭން ލާޒިމުކުރުމުގެ މައިގަނޑު އެއް މަގުސަދަކީ ބިދޭސީން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާއިން ނަގާ ރެމިޓެންސް ޓެކްސްގެ ނިޒާމު ހަރުދަނާކުރުމެވެ. މި ގޮތުން ރާއްޖެއިން ބޭރަށް ފޮނުވާ ފައިސާގެ ތިން އިންސައްތަ ރެމިޓެންސް ޓެކްސްގެ ގޮތުގައި ދައުލަތަށް ނަގަން ޖެހެއެވެ.

ހަމައެއާއެކު، ވިސާގެ ނިޒާމަށް ގެނެވޭ ބަދަލުތަކާ ގުޅޭގޮތުން ވެސް މިނިސްޓްރީން މިއަދު ވަނީ މުހިންމު ނިންމުމެއް އިއުލާނުކޮށްފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ވޯކް ޕާމިޓް އަވަސްކުރުމުގެ ބޭނުމުގައި ނަހަމަ ގޮތުގައި ބިޒްނަސް ވިސާ ބޭނުންކޮށްގެން މީހުން އެތެރެކުރުމަށްފަހު، ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ބަދަލުކުރާކަން ފާހަގަކުރެވިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން، އެ އުސޫލު އިތުރަށް ހަރުދަނާކުރުމުގެ ފިޔަވަޅެއްގެ ގޮތުން، މާދަމާއިން ފެށިގެން ބިޒްނަސް ވިސާ އަދި ސްޕެޝަލް ވިސާގައި ރާއްޖެ އެތެރެވާ ބިދޭސީންނަށް ރާއްޖޭގައި ތިބެގެން ވޯކް ވިސާއަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް ހޯމް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު