ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ކޯހުގެ ބައިވެރިން
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ކޯހުގެ ބައިވެރިން
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ "ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް-18" އަދި "ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް-7" ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲއެވެ. މި ރަސްމިއްޔާތުގައި ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގގެ ޓްރެއިނިންގ އެންޑް އެޑިއުކޭޝަން ޑައިރެކްޓަރ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސިންގ އަހުމާ ސަޢީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ގެވެށި އަނިޔާއާއި ޖިންސީ ކުށްތަކުގެ އަނިޔާ ލިބޭ ފަރާތްތަކާއެކު މަސައްކަތްކުރާ ތަހުގީގު އޮފިސަރުންގެ ހުނަރު އިތުރުކުރުމަށާއި، ތަހުގީގުތަކުގައި ކުޑަކުދިންނާ ސުވާލުކުރުމުގެ ހާއްސަ އުކުޅުތައް ދަސްކޮށްދިނުމަށް ހިންގި ފެމިލީ އެންޑް ޗައިލްޑް ސެންޓަރޑް އިންވެސްޓިގޭޝަން ކޯސް ކުރިއަށްދިޔައީ ޖުލައި 26 އިން އޮގަސްޓު 11 ގެ ނިޔަލަށެވެ.

ޖުމްލަ 25 ފުލުހުން ފުރިހަމަކުރި މި ކޯހުން އެންމެ މޮޅު ނަތީޖާއެއް ހޯދައިގެން އެއްވަނަ ހާސިލުކުރެއްވީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޑރ. ރިޝްވީނާ އަޙްމަދުއެވެ.

މީގެ އިތުރުން، ކުށުގެ ވެށި ތަހުގީގުކުރުމަށް ބޭނުންވާ ފޯރެންސިކް ސައިންސް، މާއްދީ ހެކި، ޑީއެންއޭ، ފިންގަރޕްރިންޓް، ޑޮކިއުމެންޓް އެގްޒަމިނޭޝަން އަދި ޑިޖިޓަލް އެވިޑެންސް ފަދަ މުހިންމު ދާއިރާތަކުން އަމަލީ ތަޖުރިބާއާއި މައުލޫމާތު ފޯރުކޮށްދިނުމަށް ހިންގި ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ކުރިއަށްދިޔައީ އޮގަސްޓް 2 އިން ސެޕްޓެމްބަރު 3 ގެ ނިޔަލަށެވެ.

ހެކި ނެގުމާއި، ރައްކާތެރިކުރުމުގެ އިތުރުން ކޯޓުގައި ހެކިބަސްދިނުމާއި ރިޕޯޓް ތައްޔާރުކުރުމުގެ އުސޫލުތައް އުނގަންނައިދިން މި ކޯސް 29 މުވައްޒަފުން ފުރިހަމަކޮށްފައިވާއިރު، ކޯހުން އެއްވަނަ ހޯދާފައިވަނީ ފޮރެންސިކް އެނަލިސްޓް އަސިޔަތު މަންހަތު މުޙައްމަދުއެވެ.



ކިޔުންތެރިންގެ ހިޔާލު