ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި-
ރާއްޖެއަށް އެތެރެކުރި މަސްތުވާތަކެތި-
އިންޑިގޯ އެއާލައިންސްގެ ފްލައިޓަކުން ރާއްޖެއައި އިންޑިއާގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ޓަފެޖުލްގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 80 ރަބަރު ޕެކެޓު ފެނުނު މައްސަލައެއްގައި، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ އިންޑިއާއަށް ނިސްބަތްވާ މޮހަންމަދުގެ އުމުރަކީ 29 އަހަރެވެ. އޭނާގެ މައްޗަށް ތުހުމަތު ކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، ސްމަގަލް ކުރުމާއި ޓްރެފިކް ކުރުމުގެ ކުށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން، އިއްޔެ އިންޑިގޯ ފްލައިޓުން އޭނާ ރާއްޖެ އައުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖު ކަސްޓަމްސް އޮފިސަރުން ވަނީ އެކްސްރޭކޮށް ފާސްކޮށްފައެވެ. ބަލައިފާސްކުރުމުގެ ތެރޭގައި ލަގެޖު ތެރެއިން މަސްތުވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. އަދި ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކުރުމަށްފަހު، އެ ދެ ޕެކެޓު އިތުރަށް ބެލިއިރު އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 80 ކުދި ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، އަތުލައިގަނެވުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނުގައި 440 ގްރާމް ހުރި ކަމަށެވެ. އަދި އެ ތަކެތި ތަހުލީލުކުރުމުން ޓެޓްރާހައިޑްރޯކެނަބިނޯލް އަށް ޕޮޒިޓިވްވެފައިވާއިރު، އެ ތަކެތީގެ އަސްލު ބަރުދަނަކީ 418.99 ގްރާމެވެ.

ކްރިމިނަލް ކޯޓުން އޭނާ 30 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ ހެކި ހުށަހަޅާފައިވުމުންނެވެ. އޭގެ ތެރޭގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ މައްސަލަ ހުށަހަޅާ ފޯމާއި، ސީނަށް ދިޔަ ފުލުހުންގެ ބަޔާނުގެ އިތުރުން މަސްތުވާތަކެތީގެ ތަހުލީލު ނަތީޖާ ހިމެނެއެވެ.

މީގެ އިތުރުން، އޭނާ ހައްޔަރުކުރުމުގެ ހުރިހާ މަރުހަލާއެއްވެސް ކުރިއަށް ގޮސްފައިވަނީ ގާނޫނީ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތީންކަން ކްރިމިނަލް ކޯޓުން ވަނީ ކަށަވަރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް