ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީ.އީ.އޯ މުޙައްމަދު ނިމާލް
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީ.އީ.އޯ މުޙައްމަދު ނިމާލް
އާންމުކޮށް އިއުލާނު ނުކޮށް ބައެއް ކައުންސިލްތަކުން ވަޒީފާތަކަށް މީހުން ހަމަޖައްސައިދެމުންދާ މައްސަލަތަކެއް ފެންމަތިވެ، އެ ކަންކަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ތަހުގީގު ކުރަން ފަށައިފިއެވެ.

މި މައްސަލައާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެލްޖީއޭގެ ސީއީއޯ މުޙައްމަދު ނިމާލް ވިދާޅުވީ، ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން އެ އޮތޯރިޓީގެ ހުއްދަ ހޯދަން ދާދިފަހުން އެންގީ ސީދާ މިފަދަ ގޯސްތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ. މިއީ ކައުންސިލްތަކުގެ އިޚުތިޔާރުތައް ހަނިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ނޫން ކަމަށާއި، ގަވާއިދާ އެއްގޮތަށް މުވައްޒަފުން ނެގުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވިއެވެ.

ނިމާލް ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ތިން މަހުގެ މުސާރަ ނެގުމަށްފަހު ވަކިވާ މީހުން، ޖެހިގެން އަންނަ ދުވަހު ނުވަތަ ހަފުތާގައި ކައުންސިލްތަކުގެ ވަޒީފާތަކަށް ނުކުންނަކަމުގެ ޝަކުވާތައް އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އަދި ހުޅުވާލައިގެން އިއުލާނު ކުރުމަކާނުލައި މިގޮތަށް މުވައްޒަފުން ވަޒީފާއަށް ވެއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ ނުރަނގަޅު އަމަލުތައް ހުއްޓުވައި ނިޒާމު ހަމަމަގަށް އެޅުވުމަކީ ކޮންމެހެން ކުރައްވަންޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިމާލް މިހެން ވިދާޅުވެފައިވާއިރު، ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކައުންސިލްތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ލިޔުމުން އެލްޖީއޭގެ ހުއްދަ ހޯދަންޖެހޭނެ ކަމަށް އަންގައި ސީއީއޯ މުހައްމަދު ނިމާލް ސޮއިކުރައްވައި ހުރިހާ ކައުންސިލުތަކަށް ސިޓީ ފޮނުއްވާފައިވަނީ މި ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން ކައުންސިލްތަކަށް ނަގާކަމުގެ އަޑުތައް ގަދަވެފައިވާއިރު، ސަރުކާރުގެ ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ސިޔާސަތަކީ ދައުލަތުގެ މާލީ ބުރަ ލުއިކުރުމަށްޓަކައި މިހާރު ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ސިޔާސަތުގެ ދަށުން ވަޒީފާއިން ދޫކޮށްލާ ފަރާތްތަކަށް މާލީ އެހީތެރިކަމެއްގެ ގޮތުން ތިން މަސްދުވަހުގެ އުޖޫރަ ދިނުމުގެ އިތުރުން، އަމިއްލަ މަސައްކަތެއް ފެށުމަށްޓަކައި ލޯނުގެ ފުރުސަތުތައް ވެސް ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

އެލްޖީއޭގެ ހުއްދައާ ނުލައި ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭ ގޮތަށް އެންގިއިރު، ވަޒީރުންގެ މަޖިލީހުގެ ނިންމުމަކުން ކައުންސިލުތަކުގެ ބިންތައް އަތުލެވޭ ގޮތަށާއި، ސަރުކާރުން ހިންގާ މަޝްރޫއުތަކާ ކައުންސިލަރުން ދެކޮޅު ހެދުން މަނާކުރުމަށް ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ތަސްދީގު ކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު