ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި ފާހަގަކުރެވިގެންދިޔައީ ރައްޔިތުންގެ ވިސްނުމާއި އެދުންތަކާ އެއްގޮތަށް އެ ޕާޓީން ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށް ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މުހައްމަދު އިސްމާއީލް މިފަދައިން ވިދާޅުވީ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ހާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ​މި ޖަލްސާގައި ޕީއެންސީގެ ޕާލަމަންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވަނީ، 77،000 އަށްވުރެ ގިނަ މެމްބަރުންނާއެކު ޕީއެންސީއަކީ މިހާރު ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީކަން އިއުލާން ކުރައްވާފައެވެ.

އެކަމަށް އަލިއަޅުވާލައްވައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ޕީއެންސީ އިދިކޮޅުގައި އޮތް ދުވަސްވަރު ތަހައްމަލުކުރި ގޮންޖެހުންތަކަށްފަހު، މިއަދު ސިޔާސީ ދަފްތަރުގެ އެންމެ ކުރީގައި އޮތީ ޕާޓީގެ ލީޑާޝިޕުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރާތީ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައިވެސް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް ގުޅުން ހަލާކުކޮށްލުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

​ރައީސް މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ މައްޗަށް ބިނާކޮށް ގައުމީ ބޮޑެތި މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ކަމަށް މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ. އެގޮތުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ކުރީގެ ސަރުކާރުތަކަށް ހައްލު ހޯދައިދެވިފައި ނުވިނަމަވެސް، މިހާރު އެ މައްސަލައަށް އެދެވޭ ހައްލުތަކެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ފެންނަން ހުރިކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ކުރީގެ ވެރިންނަށް ފަސް އަހަރުގެ ދައުރެއްގައި ނުކުރެވުނު އިސްލާހީ ބަދަލުތައް ދެން ނުކުރެވޭނެކަން ފާހަގަކުރައްވައި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް މުއިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ޕާޓީގެ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށް އޭނާ ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު