އެޑިއުވެސްޓް ސްޓަޑީ އެކްސްޕޯގެ ތެރެއިން
އެޑިއުވެސްޓް ސްޓަޑީ އެކްސްޕޯގެ ތެރެއިން
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުޤުވެރިވާ ދިވެހި ދަރިވަރުންނަށް ޚާއްޞަކޮށްގެން، ދުނިޔޭގެ ފެންވަރުގެ ޔުނިވަރސިޓީތަކާ ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ބާއްވާ "އެޑިއުވެސްޓް ސްޓަޑީ އެބްރޯޑް އެކްސްޕޯ 2026" މިއަދު މާލޭގައި ފަށައިފިއެވެ.

މި މަހުގެ 4 އަދި 5 ވަނަ ދުވަހު މީރުމާ އިވެންޓް ހޯލުގައި ކުރިއަށްދާ މި އެކްސްޕޯ ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 4:00 އިން ރޭގަނޑު 9:00 އަށެވެ.

މި އަހަރުގެ އެކްސްޕޯގައި މެލޭޝިޔާގެ ފުންނާބުއުސް 11 ޔުނިވަރސިޓީއަކުންނާއި، އޮސްޓްރޭލިއާގެ މަޝްހޫރު ޔުނިވަރސިޓީއަކުން ވަނީ ބައިވެރިވެފައެވެ. އެހެންކަމުން، ބޭރު ޤައުމުތަކުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ބޭނުންވާ ދަރިވަރުންނަށް އެ ޔުނިވަރސިޓީތަކުގެ މަންދޫބުންނާ ސީދާ ބައްދަލުކޮށް، ސުވާލުތަކަށް ޖަވާބު ހޯދުމުގެ ފުރުޞަތު މި ހަރަކާތުގެ ތެރެއިން ވަނީ ފަހިވެފައެވެ.

މި އެކްސްޕޯއާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެޑިއުވެސްޓްގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރ އާމިނަތު ހިދާޔަތު ވިދާޅުވީ، އެކްސްޕޯއަށް ޒިޔާރަތްކުރާ ދަރިވަރުންނާއި ބެލެނިވެރިންނަށް އެކި ދާއިރާތަކުން ހުރި ކޯސްތަކުގެ ފުރިހަމަ މަޢުލޫމާތު ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، އެކަށީގެންވާ ޝަރުޠު ފުރިހަމަވާ ދަރިވަރުންނަށް އެ ތަނުން ވަގުތުން ކޯސްތަކަށް އެޕްލައިކޮށް، ޖާގަ ކަށަވަރުކުރުމުގެ (ސްޕޮޓް އެޑްމިޝަން) ފުރުޞަތުވެސް ހަމަޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޑިއުވެސްޓްގެ ފަރާތުން 2019 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ކޮންމެ އަހަރަކުވެސް މި އެކްސްޕޯ އަންނަނީ ކާމިޔާބުކަމާއެކު ބާއްވަމުންނެވެ. މި އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ ދިވެހި ޒުވާނުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ މަތީ ތަޢުލީމުގެ ފުރުޞަތުތައް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ހޯދައިދިނުމެވެ.

މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ދަރިވަރުންނަށްވެސް މި ފުރުޞަތުތައް ފަހިކޮށްދިނުމަށް އެޑިއުވެސްޓުން ކުރަމުންދާ މަސައްކަތުގެ ދަށުން، މި މަހުގެ 2 ވަނަ ދުވަހު ހދ. ކުޅުދުއްފުށި ސިޓީގައިވެސް މި އެކްސްޕޯ ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.

އެޑިއުވެސްޓުން އަމާޒު ހިފާފައިވަނީ ވީހާވެސް ގިނަ ދިވެހި ދަރިވަރުންނަށް އެކަށީގެންވާ އަދި ފެންވަރު ރަނގަޅު ތަޢުލީމީ ފުރުޞަތުތައް ހޯދައިދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު