ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮންމެ އަހަރަކު 20 މިލިއަނަށް ވުރެ ގިނަ ކުޑަކުދިން އިންޓަނެޓްގެ ޒަރީއާއިން ޖިންސީ ގޯނާއާއި އިހާނެތި އަމަލުތަކުގެ ޝިކާރައަކަށްވާ ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ އިދާރާ، ޔުނިސެފުން ހާމަކޮށްފިއެވެ.

ބުރާސްފަތި ދުވަހު އާންމުކުރި މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ދިރާސާކުރި 21 ގައުމެއްގެ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކޮންމެ ފަސް ކުއްޖަކުން އެއް ކުއްޖަކީ ޑިޖިޓަލް ޕްލެޓްފޯމްތަކުގައި މިފަދަ ގޯނާތައް ތަހައްމަލުކުރަން ޖެހިފައިވާ ކުދިންނެވެ.

މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ 2020 އިން 2021 އަށް އަދި 2024 އިން 2025 އަށް އެފްރިކާ، އޭޝިއާ، ލެޓިން އެމެރިކާ، އަދި އިރުމަތީ ޔޫރަޕްގެ 21 ގައުމަކުން އިންޓަނެޓް ބޭނުންކުރާ 21،000 ކުދިން ބައިވެރިކޮށްގެންނެވެ. މީގެ އިތުރުން ޖިންސީ ގޯނާ ތަހައްމަލުކޮށްފައިވާ 100 ޒުވާނަކާ އިންޓަވިއުކޮށްފައިވެއެވެ. ދިރާސާގައި ހިމެނޭ ގައުމުތަކުގެ ތެރޭގައި އިރުމަތީ އަދި ދެކުނު އެފްރިކާގެ އިތިއޯޕިއާ، ކެންޔާ، މޮޒަމްބީކް، ނެމީބިއާ، ޓެންޒޭނިއާ، އަދި ޔުގަންޑާގެ އިތުރުން އިރުދެކުނު އޭޝިއާގެ ކެމްބޯޑިއާ، އިންޑޮނޭޝިއާ، މެލޭޝިއާ، ފިލިޕީންސް، ތައިލެންޑް އަދި ވިއެޓްނާމް ހިމެނެއެވެ. އަދި ލެޓިން އެމެރިކާގެ ބްރެޒިލް، ކޮލަމްބިއާ، ޑޮމިނިކަން ރިޕަބްލިކް، މެކްސިކޯގެ އިތުރުން އިރުމަތީ ޔޫރަޕްގެ އަރުމީނިއާ، މޮންޓެނީގްރޯ، ނޯތު މެސެޑޯނިއާ، ސާބިއާ އަދި ދެކުނު އޭޝިއާގެ ޕާކިސްތާނު ހިމެނެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދިރާސާގެ މުއްދަތުގައި 15 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވަނީ ނުރުހުމުގައި ބަރަހަނާ މަންޒަރުތަކާއި ޖިންސީ ކޮންޓެންޓް ދައްކައިފައެވެ. އަދި 9 މިލިއަން ކުދިންނަށް މަޖުބޫރުކޮށްގެން ޖިންސީ ވާހަކަތައް ދައްކުވައި ފޮޓޯ ހޯދުމަށް އެދިފައިވާއިރު، 4 މިލިއަން ކުދިންގެ ޒާތީ ޖިންސީ ފޮޓޯ ވަނީ އެކުދިންގެ ހުއްދައަކާ ނުލައި މީސްމީޑިއާގައި ދައުރުކޮށްފައެވެ. ޔުނިސެފްގެ އެގްޒެކެޓިވް ޑިރެކްޓަރު ކެތުރިން ރަސެލް ވިދާޅުވީ، ކުދިން ކިޔަވާ، ކުޅެ، އަދި ރައްޓެހިންނާ ގުޅުން ބަދަހިކުރަން ބޭނުންކުރާ ޑިޖިޓަލް މާހައުލުގައި މިފަދަ ހިތްދަތި ކަންކަން ހިނގުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ.

ޖިންސީ ގޯނާގެ އަމަލުތައް ގިނައިން ފެށެނީ ސްކޫލްތަކާއި ދިރިއުޅޭ އަވަށްޓެރި މާހައުލުން ކަމަށްވިޔަސް، އެކަން ފުޅާވެ ބޮޑުވަނީ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުންނެވެ. މިފަދަ ގޯނާތަކުގެ 60 އިންސައްތައަށް ވުރެ ގިނަ ހާދިސާ ހިނގަނީ މީސްމީޑިއާގައެވެ. އޭގެ ތެރޭގައި އެންމެ ގިނައިން މިކަން ހިނގަނީ ފޭސްބުކް (50 އިންސައްތަ)، ވަޓްސްއެޕް (29 އިންސައްތަ)، އިންސްޓަގްރާމް (24 އިންސައްތަ)، ސްނެޕްޗެޓް (13 އިންސައްތަ)، އަދި ޓިކްޓޮކް (12 އިންސައްތަ) ގައެވެ. މި ޕްލެޓްފޯމްތައް މެދުވެރިކޮށް ގުޅުން އުފައްދައި، ބިރުދައްކައި، ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގައެވެ.

މިފަދަ ގޯނާތަކާ ކުރިމަތިލާ ކުދިންގެ ތެރެއިން އެކަމުގެ ޝަކުވާ ކަމާބެހޭ އިދާރާތަކަށް ހުށަހަޅަނީ އެންމެ 1 އިންސައްތައަށް ވުރެ މަދު ކުދިންނެވެ. އަދި 40 އިންސައްތައަށް ވުރެ ގިނަ ކުދިން އެއްވެސް މީހަކަށް މި ވާހަކަ ކިޔައެއް ނުދެއެވެ. ޕާކިސްތާނުގެ ޑިޖިޓަލް ރައިޓްސް ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު ނިޣާތު ދާދް ވިދާޅުވީ، ކުދިން ރިޕޯޓް ނުކުރަނީ ރިޕޯޓްކުރާނެ ރައްކާތެރި ނިޒާމެއް ނެތުމުންނާއި ޢާއިލީ އަބުރާއި ސަގާފީ ބިރުވެރިކަމުގެ ސަބަބުންނެވެ. އަންހެން ކުދިން ބިރުގަންނަވަނީ ބަދުނާމުކޮށްގެން ކަމަށާއި ފިރިހެން ކުދިންނަށް އޮންނަނީ އެކަނި މިކަން ތަހައްމަލުކުރަން މަޖުބޫރުވެފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިފަދަ ގޯނާތަކުގެ ސަބަބުން ކުދިން އަމިއްލައަށް މަރުވުމުގެ ވިސްނުން ގެންގުޅުމާއި ހަށިގަނޑަށް ގެއްލުން ދިނުމުގެ ފުރުސަތު ހަތަރު ގުނަ އިތުރުވާ ކަމަށް ރިޕޯޓުގައިވެއެވެ. މެކްސިކޯ އަދި ނޯތު މެސެޑޯނިއާގައި މި ނުރައްކާ އަށް ގުނަ އިތުރުވެފައިވާއިރު، ޕާކިސްތާނުގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ނުރައްކާ ހަތް ގުނަ މައްޗެވެ.

މި މައްސަލައިގައި ކުޑަކުދިންގެ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އިހުމާލުވި ކަމަށް ބުނެ، އެމެރިކާގެ ފެޑެރަލް ކޯޓުގައި މެޓާ ކުންފުންޏާ ދެކޮޅަށް ހިންގި ޝަރީއަތް ނިންމުމަށް 18 ބިލިއަން ޑޮލަރު ދެއްކުމަށް އެ ކުންފުނިން ވަނީ އެއްބަސްވެފައެވެ. އަދި ޕްލެޓްފޯމްތަކުގެ ފީޗާސްތަކަށް ބަދަލު ގެނައުމަށް ވެސް ވަނީ އެއްބަސްވެފައެވެ.

ނަމަވެސް، ޔުނިސެފްގެ މި ރިޕޯޓާ ގުޅިގެން މެޓާއިން ބުނީ، މި ދިރާސާއަކީ 2020 ވަނަ އަހަރުގެ މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ދިރާސާއެއް ކަމަށާއި، މިހާރު ފުރާވަރުގެ ކުދިންނަށް ޚާއްސަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތައާރަފުކޮށްފައިވާނެ ކަމަށެވެ. އަދި ވަޓްސްއެޕަކީ ޕްރައިވެޓް މެސެޖިން އެޕެއް ކަމުން އެހެން މީހުންނާ ގުޅެނީ ނަންބަރު އެނގިގެން ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ. ސްނެޕްޗެޓާއި ޓިކްޓޮކުން މި މައްސަލައިގައި އަދި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު