ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި ވެކްސިން އަދި މެޑިކަލް ސާމާނު ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި އަލަށް ގާއިމުކުރާ "ސެންޓްރަލް ކޯލްޑް ޗެއިން ފެސިލިޓީ"ގެ ބިންގާ އަޅައި، އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ "ރެސްޕޮންސިވް ކޮވިޑް-19 ވެކްސިނޭޝަން ފޯ ރިކަވަރީ ޕްރޮޖެކްޓް" (އޭޕީވީއޭއެކްސް) ގެ ދަށުން، މިނިސްޓްރީ އޮފް ހެލްތާ ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރު ގީލާ އަލީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، މި ފެސިލިޓީއަކީ ރާއްޖޭގެ ސިއްހީ ދާއިރާގެ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ހިންގުމަށްޓަކައި އެޅިގެންދިޔަ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ. އަދި މިއީ ދުރުރާސްތާއަށް ބަލާއިރު ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ވަރުގަދަކުރުމަށް ކުރެވޭ އަގުހުރި އިންވެސްޓްމަންޓެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އަލަށް އިމާރާތްކުރާ މި ފެސިލިޓީގައި ވެކްސިނާއި ބޭސް ރައްކާކުރުމުގެ އިތުރުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ އިދާރީ މަސައްކަތްތަކާއި، މެންޓަލް ހެލްތު ޑިޕާޓްމަންޓް އަދި ސިއްހީ ދާއިރާގެ ރެގިއުލޭޓަރީ ބޯޑުތަކާއި ކައުންސިލްތައް ހިމެނޭހެން ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއާ ގުޅޭގޮތުން ހެލްތު މިނިސްޓްރީން ބުނީ، މި ފެސިލިޓީ ގާއިމު ކުރެވިގެން ދިޔުމުން ސިއްހީ ސާމާނު ރައްކާކުރުމަށްޓަކައި މިހާރު ކުއްޔަށް ހިފާފައިވާ ތަންތަނަށް ހިނގާ ބޮޑު ހަރަދު ސަލާމަތްވެ، ދައުލަތުގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބި، ސިއްހީ ވުޒާރާގެ އިދާރީ ހިންގުން މިހާރަށްވުރެ ހަލުވި އަދި ހަރުދަނާ ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް