އެމްއެސްއެމްއީ ފެސްޓުގެ ތެރެއިން، ފޮޓޯ: ބީސީސީ
އެމްއެސްއެމްއީ ފެސްޓުގެ ތެރެއިން، ފޮޓޯ: ބީސީސީ
ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ ދާއިރާތަކުގައި ވިޔަފާރިކުރަމުންދިޔަ ބޭރުގެ 28 ކުންފުންޏެއް އިކޮނޮމިކް މިނިސްޓްރީން އިއްޔެ އުވާލައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ބުނީ، މި ކުންފުނިތައް އުވާލާފައިވަނީ ކުންފުނީގެ ގާނޫނުގެ 246 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އުވާލުމަށް ކަނޑައަޅައި އިއުލާނުކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ ބޭރުގެ ކުންފުނިތަކުގެ ތެރެއިން ކަމަށެވެ. މިއީ ދިވެހި ވިޔަފާރިވެރިންނަށް ހާއްސަކޮށްފައިވާ އިންވެސްޓްމަންޓް ދާއިރާތަކުގައި ހަރަކާތްތެރިވަމުން ދިޔަ ކުންފުނިތަކެކެވެ.

ރާއްޖޭގެ އިގްތިސާދުގައި ދިވެހީންގެ ބައިވެރިވުން އިތުރުކޮށް، ދިވެހިންނަށް ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން 2024 ވަނަ އަހަރު ފާސްކުރި ފޮރިން އިންވެސްޓްމަންޓްގެ ގާނޫނުގެ ދަށުން، ރާއްޖޭގައި ބިދޭސީންނަށް އިންވެސްޓް ނުކުރެވޭނެ ވިޔަފާރިތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި އާންމުކުރީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީން އިންވެސްޓް ކުރުން މުޅިން މަނާކޮށް، ހަމައެކަނި ދިވެހިންނަށް ހާއްސަކޮށްފައިވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި އިމާރާތްތަކަށް ހިދުމަތްތައް ދިނުމާއި ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި، އޮފީސްތަކަށާއި ވިޔަފާރިތަކަށް ސަޕޯޓް ދިނުމުގެ މަސައްކަތްތަކާއި، 15 މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން އިމާރާތްތައް އެޅުމުގެ މަސައްކަތްތަކާއި، 10 މިލިއަން ޑޮލަރަށްވުރެ ދަށުން ހިންގާ ޕްރޮޖެކްޓްތަކުގެ ދަށުން ރިސޯޓުތައް ހެދުމުގެ މަސައްކަތްތަކާއި، ޓިއުޝަން ކްލާސްތަކާއި ޤުރުއާން ކްލާސްތައް ހިންގުމުގެ މަސައްކަތްތައް ހިމެނެއެވެ.

އޭގެއިތުރުން ފިޒިއޮތެރެޕީ ފިޔަވައި އެހެނިހެން ކްލިނިކްތައް ހިންގުމުގެ މަސައްކަތްތަކާއި، ކާގޯއާއި ލޮޖިސްޓިކް އަދި ޕޯސްޓުގެ ހިދުމަތުގެ މަސައްކަތްތަކާއި، ސުވެނިއާއާއި އަތްތެރި މަސައްކަތްތަކާއި، ބަންކަރިންގެ ހިދުމަތް ދިނުމުގެ މަސައްކަތްތަކާއި، މީޑިއާތައް ހިންގުމުގެ މަސައްކަތްތަކާއި، އެޑްވަޓައިޒިން އެންޑް އިވެންޓް މެނޭޖްމަންޓްގެ މަސައްކަތްތަކާއި، ގާނޫނީ ހިދުމަތް ދިނުމުގެ މަސައްކަތްތަކާއި، މާކެޓް ރިސާޗު ހެދުމުގެ މަސައްކަތްތަކާއި، އިލެކްޓްރޯނިކް ރިޕެއާގެ މަސައްކަތްތަކާއި، ރީޓެއިލް އަދި ކޮންސްޓްރަކްޝަން ތަކެތީގެ ހޯލްސޭލް މަސައްކަތްތައް ހިމެނެއެވެ.

،ސަރުކާރުން އަޅަމުންދާ މިފަދަ ފިޔަވަޅުތަކުގެ މައިގަނޑު މަގުސަދަކީ ކުދި އަދި މެދުފަންތީގެ ދިވެހި ވިޔަފާރިތައް ހިމާޔަތްކޮށް، ގައުމުގެ އިގްތިސާދީ މަންފާ ދިވެހި ރައްޔިތުންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް