ފޮޓޯ: ދުވަސް
ފޮޓޯ: ދުވަސް
ހުޅުމާލޭ ފޭސް ދޭއްގެ ވިނަރެސް 7 ފްލެޓް ކައިރީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓާ ގުޅިގެން، ތަހުގީގުގެ ބޭނުމަށް އެ ސަރަހައްދުގައި އޮތް ދެ ކާރެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ޓޯކޮށްފައިވަނީ އެ ސަރަހައްދުގައި މަޑުކޮށްގެން އޮތް ރީނދޫ ކާރަކާއި ހުދު ކާރެކެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 9:00 ހާއިރު، މަގުމަތީގައި އޮތް ކާރަކަށް އަރަން މަގު ހުރަސްކުރި މީހެއްގެ ގައިގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެންނެވެ. އެކްސިޑެންޓްވި ސައިކަލުގެ ފަހަތުގައި އިން އުމުރުން ނުވަ އަހަރުގެ ކުޑަކުއްޖާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.

މަންޒަރު ދުށް މީހުން ބުނި ގޮތުގައި، އެކްސިޑެންޓުގައި ވެއްޓި ޖެހުމުގެ ސަބަބުން ކުއްޖާގެ ބޮލުން ގިނަ އަދަދަކަށް ލޭ ފޭބިއިރު، އެ ވަގުތުވެސް ކުއްޖާ އޮތީ ހޭނެތިފައެވެ.

އެ ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންނެވެ. ސައިކަލު ދުއްވަން އިނީ ކުއްޖާގެ އުމުރުން 18 އަހަރުގެ ބޮޑުދައިތަ ކަމަށްވާއިރު، އޭނާއަށް ލިބިފައިވަނީ ކުދިކުދި އަނިޔާތަކެކެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދާއިރު، އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބަލައި، ކުއްޖާ ވެއްޓެން މެދުވެރިވި ސަބަބާއި އެކްސިޑެންޓް ހިނގި ގޮތް ދަނީ އިތުރަށް ބަލައި ދެނެގަންނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު