ނަރެންދުރަ މޯދީ އަދި މޯހަން ބަގްވަތު
ނަރެންދުރަ މޯދީ އަދި މޯހަން ބަގްވަތު
އިންޑިއާގައި މުސްލިމުން އުޅެގެން ނުވާނެ ކަމަށް ދެކޭ އެއްވެސް މީހަކީ ހިންދޫއެއް ކަމުގައި ނުބެލެވޭނެ ކަމަށް އިންޑިއާގެ ރާޝްތުރީޔާ ސުވަޔަމްސެވަކް ސަންގު (އާރްއެސްއެސް) ގެ އިސްވެރިޔާ މޯހަން ބަގްވަތު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ނިއުޔޯކުގައި ބޭއްވި "ވަން ވޯލްޑް: ވަން ހިއުމެނިޓީ" ދީނީ އިސްވާރުންގެ ސަމިޓުގައި ވާހަކަދައްކަވަމުން ބަގްވަތު ވަނީ، މުޖުތަމައުގައި އެންމެން އެކުއެކީގައި ސުލްހަވެރިކަމާއެކު ދިރިއުޅުމުގެ މުހިންމުކަމާއި، ހިންދޫ ދީނުގެ އަސާސްތަކާއި އޭގެ ހަގީގީ މާނަ ފުޅާ ދާއިރާއެއްގައި ދެނެގަތުމުގެ ބޭނުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މޯހަން ބަގްވަތު ފާހަގަކުރެއްވި ގޮތުގައި، އަމިއްލަ ނަފްސަކީ ހިންދޫއެއް ކަމުގައި ދެކޭ ކޮންމެ މީހަކުމެ، ހުރިހާ އިންސާނުންނަކީވެސް އެއް އަމާޒަކަށް ވާސިލުވުމަށް މަސައްކަތްކުރާ ބައެއް ކަމާއި، ކޮންމެ ފަރުދަކަށްވެސް އިންސާނީ ކަރާމާތާއި ގަދަރު ލިބިދޭންޖެހޭނެ ކަމަށް ގަބޫލުކުރަންވާނެއެވެ. އަދި އިންސާނިއްޔަތުގެ އަސާސީ މިންގަނޑުގައި އެއްވެސް ތަފާތުކުރުމެއް ނެތް ކަމަށާއި، ސަގާފީ އަދި ދީނީ ތަފާތުތަކަކީ އިންސާނީ އެއްބައިވަންތަކަން އިތުރަށް ފުރިހަމަކޮށް މުއްސަނދިކޮށްދޭ ކަންކަން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އާރްއެސްއެސްގެ ބައިނަލްއަގުވާމީ ގުޅުންތައް ބަދަހިކުރުމުގެ ޕްރޮގްރާމުގެ ދަށުން އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބަގްވަތު އިތުރަށް ވިދާޅުވީ، ކިތަންމެ ތަފާތުތަކެއް ހުރި ނަމަވެސް އެންމެންނަކީވެސް އެއް އާއިލާއެއް ފަދަ އެއްބައެއްކަން މުޅި ދުނިޔެއަށް ހާމަކޮށްދިނުމަކީ އެ ޖަމާއަތުގެ މައިގަނޑު މަސްއޫލިއްޔަތެއް ކަމަށެވެ. މީގެއިތުރުން، އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވަކި ދީނަކަށް ނުވަތަ ނަސްލަކަށް ތަފާތުކުރުމެއްނެތި، އެހީތެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ މީހަކަށްވެސް ހަމަހަމަކަމާއެކު އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު