ޖަރުމަނުގެ ސަޕްލަޔަރުގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައަކާ ގުޅިގެން ޕާސްޕޯޓު ބުކްލެޓް ލިބުން ލަސްވުމުން، މޯލްޑިވްސް އިމިގްރޭޝަނުން ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ވަގުތީ ބަދަލުތަކެއް ގެނެސްފިއެވެ.

އިމިގްރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މެޝިންތަކަށް ދިމާވި މައްސަލަ މިހާރު ހައްލުވެފައިވީ ނަމަވެސް، މަރާމާތަށް އަންދާޒާކުރި ވަރަށްވުރެ ގިނަ ދުވަސް ނެގުމުގެ ސަބަބުން ކުރިން ކަނޑައެޅި ތާރީހަށް ސްޓޮކް ފޯރުކޮށްދިނުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އެހެންކަމުން، ސްޓޮކް މެނޭޖުކުރުމުގެ ގޮތުން މާދަމާއިން ފެށިގެން ހިދުމަތްތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

އެގޮތުން މި ގެނެވުނު ބަދަލުތަކުގެ ދަށުން، ރާއްޖޭގައި ތިބި މީހުންގެ ތެރެއިން ޕާސްޕޯޓުގެ މުއްދަތު ހަމަވެގެން އާ ޕާސްޕޯޓަށް އެދޭ މީހުންނަށް އާ ބުކްލެޓެއް ދޫކުރުމުގެ ބަދަލުގައި، މިހާރު އަތުގައި އޮތް ޕާސްޕޯޓުގެ މުއްދަތު 30 ޖޫން 2027 އާ ހަމައަށް ހިލޭ އިތުރުކޮށްދެވޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި އަލަށް ޕާސްޕޯޓު ހަދާ މީހުންގެ ތެރެއިން އިންޑިއާ އަދި ސްރީލަންކާ ފަދަ އާންމުކޮށް ދިވެހިން ދަތުރުކުރާ ގައުމުތަކަށް ކުރު މުއްދަތަކަށް ދާ މީހުންނަށް، އެއް އަހަރުގެ މުއްދަތަށް ބޭނުންކުރެވޭ 8 ސަފުހާގެ "އިމަޖެންސީ ޕާސްޕޯޓު" އެއްވެސް ފީއަކާ ނުލައި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

2016 ވަނަ އަހަރުން ފެށިގެން ދިވެހި ޕާސްޕޯޓު ބުކްލެޓް ފޯރުކޮށްދެމުންދާ ޖަރުމަނުގެ މި ކުންފުންޏަކީ ވޭތުވެދިޔަ 10 އަހަރު ދުވަހު އެއްވެސް މައްސަލައެއް ނުޖެހި އިތުބާރާއެކު ހިދުމަތް ދީފައިވާ ކުންފުންޏެއްކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. އަދި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް ބަދަލުތަކެއް ގެނެވުނު ނަމަވެސް، އެއްވެސް ދިވެއްސަކަށް ރާއްޖެއިން ބޭރަށް ދަތުރުކުރުމުގައި އެއްވެސް ދަތިކަމެއް ނުވަތަ ހުރަހެއް ދިމާނުވާނެކަމުގެ ފުރިހަމަ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް