މީހަކު ވުޅޫ ކުރަނީ
މީހަކު ވުޅޫ ކުރަނީ
އިނގިރޭސިވިލާތުގައި ފެނުގެ ޚިދުމަތްތައް ރެގިއުލޭޓްކުރާ އިދާރާ (އޮފްވަޓް) އިން، އެ ޤައުމުގައި ދިރިއުޅޭ މުސްލިމުން ނަމާދަށް ވުޟޫކުރުމުގައި ފެން ބޭނުންކުރާ މިންވަރު އިޤްތިޞާދު ކުރުމަށް އިލްތިމާސްކޮށްފިއެވެ.

މިއީ ފެން އިސްރާފުކުރުން ހުއްޓުވުމަށް މުޅި ޤައުމުގައި ހިންގާ ހަރަކާތުގެ ތެރެއިން އެކަށައަޅާފައިވާ އިރުޝާދެކެވެ. މިގޮތުން، އިސްކުރު ދޫކޮށްލައިގެން ވުޟޫކުރުމުގެ ބަދަލުގައި، އެއް ލީޓަރުގެ ފުޅިއެއްގެ ފެނުން ވުޟޫކުރުމަށް މުސްލިމުންނަށް ވަނީ އިރުޝާދު ދީފައެވެ.

އޮފްވަޓް އިން ހާމަކުރި ގޮތުގައި، އިސްކުރު ދޫކޮށްލައިގެން ވުޟޫކުރުމުގެ ބަދަލުގައި ވަކި މިންވަރަކަށް ފެން ބޭނުންކުރުމުން، ކޮންމެ މީހަކަށް ދުވާލަކު ގާތްގަނޑަކަށް 55 ލީޓަރުގެ ފެން ސަލާމަތްކުރެވޭނެއެވެ. އަދި މި މެސެޖު އިސްލާމީ ޓީވީ ޗެނަލްތައް މެދުވެރިކޮށް ފެތުރުމަށާއި، މިފަދަ މައުލޫމާތު ހިއްސާކުރުމުގައި ފެން ފޯރުކޮށްދޭ ކުންފުނިތަކުން ހިކުމަތްތެރިކަމާއެކު އަމަލުކުރުމަށްވެސް އެދިފައިވެއެވެ.

ނަމަވެސް، އިސްލާމީ އަޅުކަމަކަށް އަމާޒުކޮށް މިފަދަ އިރުޝާދެއް ނެރުމާ ގުޅިގެން، އިނގިރޭސިވިލާތުގެ މުސްލިމް މުޖުތަމައުގައާއި މަދަނީ ޖަމްޢިއްޔާތަކުގެ މެދުގައި ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް އުފެދިފައެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިއީ ކުދި އާބާދީތަކާއި ވަކި ދީނީ އަގައްޔާތުތަކަށް އެކަނި އަމާޒުކޮށްގެން ހިންގާ، ތަފާތުކުރުން އެކުލެވޭ އަމަލެކެވެ.

ދީނީ އިލްމުވެރިންނާއި ހަރަކާތްތެރިން ފާހަގަކުރައްވާ ގޮތުގައި، ވުޟޫކުރުމުގައި ފެން އިސްރާފު ނުކުރުމަކީ އިސްލާމްދީނުގައި އަބަދުވެސް ނުހަނު ބޮޑަށް ބާރުއަޅުއްވާފައިވާ މަތިވެރި އިރުޝާދެކެވެ. އަދި ކީރިތި ރަސޫލާ ﷺ ގެ ސުންނަތުން ސާބިތުވާ ގޮތުގައިވެސް، ކޯރެއްގެ އައްސޭރީގައި ހުރެގެން ވުޟޫކުރި ކަމުގައި ވިޔަސް ފެން އިސްރާފު ނުކުރުމަށް ވަނީ އަންގަވާފައެވެ.

ފާޑުކިޔާ ފަރާތްތަކުން ބަޔާންކުރާ ގޮތުގައި، ދައުލަތުގެ ފެން އިޤްތިޞާދު ކުރުމުގެ ކެމްޕޭނުތައް ދީނީ އަޅުކަންތަކަށް އަމާޒުކުރުމަކީ، އާންމު ޚިދުމަތްތައް ޒިންމާދާރުކަން ކުޑަކޮށް ބޭނުންކުރާ ބައެއްގެ ގޮތުގައި މުސްލިމުން ސިފަވެގެންދާނެ ކަމެކެވެ.

މި މައްސަލައިގައި ކަންބޮޑުވުން އިތުރުވެފައިވާއިރު، ތިމާވެއްޓާ ބެހޭ ޖަމްޢިއްޔާތަކުން ވަނީ އެ ޤައުމުގެ ފެނުގެ ވިއުގައަށް ދިމާވެފައިވާ ބޮޑެތި އިހުމާލުތައް ފާހަގަކޮށްފައެވެ. އެގޮތުން ގްރީންޕީސް ޔޫކޭގެ ދިރާސާއަކުން ދައްކާ ގޮތުގައި، ހޮޅިތައް ފަޅައިގެން ދިއުމާއި ލީކުވުމުގެ ސަބަބުން އިންގްލޭންޑާއި ވޭލްސްގައި ދުވާލަކު ގާތްގަނޑަކަށް 2.87 ބިލިއަން ލީޓަރުގެ ފެން ބޭކާރުވެއެވެ. މިއީ އޮލިމްޕިކް ސައިޒުގެ 1,150 ފަތާ ފެންގަނޑު ފުރޭހާ ބޮޑު މިންވަރެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް