"ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރާއްޖޭގައި ބާއްވަނީ
"ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރާއްޖޭގައި ބާއްވަނީ
ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ (ސިޑްސް) ވިޔަފާރިއާއި އިޤްތިޞާދީ ކުރިއެރުމަށް އަމާޒުކޮށްގެން ބާއްވާ ބައިނަލްއަޤްވާމީ މުހިންމު ދެ ފޯރަމެއް ކަމަށްވާ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް 2026" އަދި "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" ރާއްޖޭގައި ބޭއްވުމަށް ނިންމައިފިއެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން ހާމަކުރި ގޮތުގައި، މި ދެ ފޯރަމް ވެސް ކުރިއަށްދާނީ 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 23 އިން 25 އަށް، މާލޭގެ ބާސެލޯ ނަސަންދުރާ ހޮޓެލްގައެވެ.

މި ފޯރަމްތަކަކީ ދިވެހި ސަރުކާރާއި، އެންޓީގާ އެންޑް ބާބިއުޑާގެ ސަރުކާރު އަދި އދ. ގެ ކަމާބެހޭ އިދާރާ (ޔޫއެން-އޯއެޗްއާރްއެލްއެލްއެސް) ގުޅިގެން އިންތިޒާމުކުރާ ހަރަކާތްތަކެކެވެ. ރާއްޖޭގެ ފަރާތުން މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވަނީ ޚާރިޖީ ވުޒާރާއާއި އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއެވެ.

މި ބޮޑު ފޯރަމް ރާއްޖޭގައި ބޭއްވުމުގެ ފުރުޞަތު ފަހިވެގެންދިޔައީ، 2024 ވަނަ އަހަރު ބޭއްވުނު ސިޑްސްގެ ހަތަރުވަނަ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ހަރުދަނާ ލީޑަރޝިޕާއި، ދެމެހެއްޓެނިވި ތަރައްޤީއަށް މާލީ އެހީތެރިކަން ހޯދުމަށް ޖަޒީރާ ޤައުމުތަކުގެ އެއްބާރުލުން އިތުރުކުރުމަށް އެމަނިކުފާނު ކުރެއްވި ވަކާލާތުގެ ސަބަބުންނެވެ. އެ ކޮންފަރެންސްގެ ނައިބު ރައީސްކަމާއި ޕްރެޕްކޮމްގެ ކޯ-ޗެއަރގެ ދައުރު ވެސް ރާއްޖެއިން ވަނީ ކާމިޔާބުކަމާއެކު އަދާކޮށްފައެވެ.

2014 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ "ސިޑްސް ގްލޯބަލް ބިޒްނަސް ނެޓްވޯކް ފޯރަމް" ގެ މައިގަނޑު ބޭނުމަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ތަރައްޤީގައި ވިޔަފާރިވެރިންނާއި، އިންވެސްޓަރުން އަދި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމެވެ. މީގެއިތުރުން އަލަށް ތަޢާރަފުކުރާ "އައިލެންޑް އިންވެސްޓްމަންޓް ފޯރަމް" މެދުވެރިކޮށް، އިންވެސްޓްމަންޓްތަކަށް ހުރި ހުރަސްތައް ނައްތާލައި، އައު ފުރުޞަތުތައް ފަހިކުރުމަށް މަޝްވަރާކުރެވޭނެއެވެ.

މި ފޯރަމަކީ ރާއްޖެއިން ހޯދާފައިވާ ތަރައްޤީއާއި ތަޖުރިބާތަކުގެ އިތުރުން، ދިވެހި ވިޔަފާރިތަކުގެ އީޖާދީ އުފެއްދުންތެރިކަން ދުނިޔެއަށް ދައްކާލުމަށް ލިބޭނެ އަގުހުރި ފުރުޞަތެކެވެ. އެގޮތުން ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިއާދަކުރަނިވި ހަކަތައާއި ތިމާވެށި ޙިމާޔަތްކުރުމުގެ ދާއިރާއިން ރާއްޖޭގެ ކާމިޔާބީތައް ހާމަކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ 30 އަށްވުރެ ގިނަ ޤައުމަކުން 200 އަށްވުރެ ގިނަ މަންދޫބުން މި ފޯރަމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު