އިސްރާއީލު ސިފައިން ގުސްރާގައި-
އިސްރާއީލު ސިފައިން ގުސްރާގައި-
އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ގުސްރާ އަވަށުގައި ހުރި ފަލަސްތީނުގެ ގެތަކެއް، އިސްރާއީލުގެ ހަރުކަށި ވަޒަންވެރިން ހިސާރުކޮށް ހިންގި ލާދީނީ އަމަލުތަކާ ގުޅިގެން، އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އާއިލާތަކަކަށް ގެދޮރު ދޫކޮށްދާން އިސްރާއީލު ސިފައިން އަންގައިފިއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން އިސްރާއީލުގެ ވަޒަންވެރިން ވަނީ ގުސްރާގެ ތިން ގެއެއް ހިސާރުކޮށް، އެ ގޭގޭގެ ފެނާއި ކަރަންޓުގެ ޚިދުމަތް ކަނޑާލާފައެވެ. ގުސްރާގެ މޭޔަރު އަބްދުލް އަޒީމް ވަދީ ބީބީސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ އަވަށަކީ މިހާރު އިސްރާއީލު ސިފައިން ބަންދުކޮށްފައިވާ އަސްކަރީ ސަރަހައްދެއް ކަމަށާއި، ފަލަސްތީނު މީހުން ހުސްކުރި ބައެއް ގެތައް އިސްރާއީލު ސިފައިން ބޭނުންކުރަމުންދަނީ އެމީހުންގެ މަރުކަޒުތަކުގެ ގޮތުގައި ކަމަށެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުގެ ތަރުޖަމާނު ޑޭވިޑް މެންސާ ބީބީސީއަށް ވިދާޅުވީ ވަޒަންވެރިންގެ އަމަލުތަކަކީ "ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށާއި، އެކަން ތަހުގީގުކޮށް ކުށްވެރިން ހައްޔަރުކުރާނެ ކަމަށެވެ. ނަމަވެސް، ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް އިސްރާއީލުން ހިންގާ ވަޒަންވެރިވުމުގެ ސިޔާސަތުގެ ދަށުން، މިފަދަ ހަރުކަށި އަމަލުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ގުސްރާގައި ހިސާރުކުރި އަބޫ ރިދީ އަދި ހަސަން އާއިލާގެ ތިން ގޭގެ ތެރެއިން ދެ ގެއެއްގެ މީހުންނަށް ބުރާސްފަތި ދުވަހު ވަނީ ގެދޮރު ދޫކޮށްދާން އަންގާފައެވެ. މީގެ އިތުރުން، އެ އަވަށުގެ އެހެން ހިސާބުތަކުން 11 ގެއެއްގެ މީހުންނަށްވެސް ގެއިން ނުކުތުމަށް ސިފައިން ވަނީ އަމުރުކޮށްފައެވެ.

އެގޭގައި ދިރިއުޅޭ ގާހިރު އޫދާ ކިޔައިދިން ގޮތުގައި، ބުރާސްފަތި ދުވަހުގެ ހެނދުނު 20 އަށްވުރެ ގިނަ ސިފައިން އޭނާގެ ގެއަށް ވަދެ، ދޮރު ހަލާކުކޮށްލައި، އެންމެން ބޭރަށް ނެރުނެވެ. ގާތްގަނޑަކަށް 10 ގަޑިއިރަށްފަހު ބައެއް އާއިލާތަކަށް އެނބުރި ގެއަށް ދިޔުމުގެ ހުއްދަ ދިން ނަމަވެސް، ގެތަކުގެ ތެރެ އޮތީ ސުންނާފަތިކޮށްލާފައެވެ. އެކަކު ބުނި ގޮތުގައި ސިފައިން ވަނީ އޭނާގެ ގޭގައި ހުރި 1,500 އެމެރިކާ ޑޮލަރު ވަގަށް ނަގައި، ފްރިޖުގައި ހުރި ކާބޯތަކެތި އުކާލާފައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ ސަފީރު މައިކް ހަކަބީ ވަނީ މިއީ "ޓެރަރިޒަމްގެ ބިރުވެރި އަމަލެއް" ކަމަށް ސިފަކުރައްވައި، ވަޒަންވެރިންގެ އެ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މިހާތަނަށް ހުޅަނގު އައްސޭރީގައި އިސްރާއީލު ސިފައިންނާއި ވަޒަންވެރިންގެ ހަމަލާތަކުގައި ފަލަސްތީނުގެ 76 މީހަކު ވަނީ ޝަހީދުކޮށްލާފައެވެ. އަދި 2023 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ހުޅަނގު އައްސޭރީގެ 127 ސަރަހައްދަކުން ފަލަސްތީނު މީހުން ވަނީ މަޖުބޫރުން ބޭރުކޮށްލާފައެވެ. މީގެ ތެރޭގައި 47 އަވަށެއް އެއްކޮށް ހުސްކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު