'ބޭންކް ފަންޑް' މިއަހަރު ލިބޭ ޖަމިއްޔާތައް ހޮވުން
'ބޭންކް ފަންޑް' މިއަހަރު ލިބޭ ޖަމިއްޔާތައް ހޮވުން
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުވުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކަށް އެހީތެރިވުމުގެ މަޤްޞަދުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ 'ބޭންކް ފަންޑް' މިއަހަރު ލިބޭ ޖަމިއްޔާތައް އެ ބޭންކުން ހޮވައިފިއެވެ.

'ބޭންކް ފަންޑް' އަކީ ބޭންކަށް ހުށަހެޅޭ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ފާހަގަކޮށްލެވޭ ފަސް މަޝްރޫޢެއް ހޮވައި، ކޮންމެ މަޝްރޫޢަކަށް 200,000 ރުފިޔާގެ މާލީ އެހީތެރިކަން ފޯރުކޮށްދޭ ފަންޑެކެވެ.

މިއަހަރުގެ ބޭންކް ފަންޑަށް ހޮވުނު މަޝްރޫޢުތަކުގެ ތެރޭގައި ހއ. ދިއްދޫގައި 'ދިއްދޫ ކުރިމަގު' ޖަމިއްޔާއިން 'ހައިވް' ގެ ނަމުގައި ޑިޖިޓަލް ވަސީލަތްތަކާއެކު މުޖުތަމަޢުގެ ގުޅުން ބަދަހިކުރުމަށް ގާއިމުކުރާ ޚާއްޞަ މަރުކަޒު ހިމެނެއެވެ.

މިއީ ޑިޖިޓަލް ތަޢުލީމާއި، އައު އީޖާދުތަކާއި، އިޖުތިމާޢީ އެކި ހަރަކާތްތަކަށް ޚާއްޞަ މަރުކަޒެކެވެ. މީގެ އިތުރުން، ށ. ފުނަދޫގައި އޮންނަ ރީތި ފެނުގެ ކުޅިއެއް ކަމަށްވާ މާމުލި ކުޅި އާލާކޮށް، އެ ސަރަޙައްދުގައި 'މާމުލި އިކޯ ޕާކް' ތަރައްޤީކުރުމަށް 'ޔުނިޓީ ސްޕޯޓްސް އެކަޑަމީ' އިން ހުށަހެޅި މަޝްރޫޢުވެސް ވަނީ ހޮވިފައެވެ.

މިއީ ތިމާވެށި ހިމާޔަތްކުރުމަށާއި މުޖުތަމަޢުގެ އެކި ބޭނުންތަކަށް ފަރުމާކުރެވޭ ތަނެކެވެ.

އޭގެ އިތުރުން، 'ލާމު ފާމަރސް އެސޯސިއޭޝަން' އިން ލ. ފޮނަދޫ އަދި ލ. ގަމުގައި 'ފަހިގޮވާން ވެލިއު-އެޑެޑް އެގްރޯ-ޕްރޮސެސިންގ ހަބް' ގާއިމުކުރުމުގެ މަޝްރޫޢު ވަނީ ހޮވިފައެވެ.

މިއީ ދަނޑުވެރިންނަށް އެހީތެރިވުމަށާއި، ލިބޭ މަންފާ އިތުރުކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެގެން ދަނޑުވެރިކަން ކުރިއެރުވުމަށް ހިންގާ މަޝްރޫޢެކެވެ.

އަދި ކަނޑިތީމުގައި ހުންނަ ށ. އަތޮޅު ސްކޫލްގައި ދަރިވަރުންގެ އުފެއްދުންތެރިކަމާއި، ބޭނުންވާ ޢަމަލީ ތަޖުރިބާ ހޯދައިދިނުމަށް 'މޭކަރ ސްޕޭސް' އެއް ގާއިމުކުރުމަށް 'ބްލޫ ގިލްޑް ފައުންޑޭޝަން' އިން ހުށަހެޅި މަޝްރޫޢާއި، ލ. ކަލައިދޫ ބަނދަރުގައި ފެރީއަށް މަޑުކޮށްލައިގެން ތިބެވޭނެ ޖާގައަކާއި، ފާޚާނާއާއި، ކުޑަ ލައިބްރަރީއެއްގެ އިތުރުން ޑިޖިޓަލް ނޯޓިސް ބޯޑެއް ބެހެއްޓުމަށް 'ކަލައިދޫ ވިންގްސް' އިން 'ކަލައިދޫ ވިންގްސް ހިޔާ' ތަރައްގީކުރުމަށް ހުށަހެޅި މަޝްރޫޢުވެސް މިއަހަރުގެ ފަންޑަށް ވަނީ ހޮވިފައެވެ.

ބީއެމްއެލްގެ އަމާޒަކީ ދިވެހި މުޖުތަމަޢު ބާރުވެރިކުރުވައި، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް އެއްބާރުލުން ދިނުމެވެ. ބޭންކުން އަންނަނީ މުޖުތަމަޢުގެ ތަރައްގީއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ މަޝްރޫއުތަކަށް މުހިންމު އަހުމިއްޔަތުކަމެއް ދެމުންނެވެ.

މިހާތަނަށް ބޭންކް ފަންޑްގެ ދަށުން 14 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާއިރު، ކުރިން ހިންގި ކޮމިއުނިޓީ ފަންޑްގެ ދަށުން 100 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު