ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ މުހައްމަދު ސައީދު
ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ މުހައްމަދު ސައީދު
ފައިސާގެ މުއާމަލާތްތައް ކުރާ ކަސްޓަމަރުންގެ އަދަދު ތިންގުނައަށްވުރެ އިތުރުވެފައިވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަނީ ޑޮލަރުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދެމުން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޑޮލަރުގެ ލިމިޓުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ "އިގްތިސާދުގެ ދެފަރާތް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓަޖީ މުހައްމަދު ސައީދު ވިދާޅުވީ، ދިވެހި އިގްތިސާދުގައި ބޭންކުން އަދާކުރަނީ ވަރަށް މުހިންމު ދައުރެއް ކަމަށާއި، ކަސްޓަމަރުންގެ ފަރާތުން ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވި ނަމަވެސް ބޭންކުން އެކަން މެނޭޖްކުރަމުންދާ ކަމަށެވެ.

ސައީދު ފާހަގަކުރެއްވި ގޮތުގައި، ކޮވިޑް-19 ގެ ކުރިން ބޭރު ފައިސާގެ މުއާމަލާތްތައް ކުރާ ކަސްޓަމަރުންގެ މަހު އެވްރެޖަކީ 90,000 އެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ އިންތިހާއަށް އުފުލިފައެވެ. "މިހާރު ބައެއް މަސްތަކުގަ މި އަދަދު އެބަ އަރާ ތިން ލައްކަ މީހުންނަށް. އެންމެ ދަށްކޮށް މި އަހަރުތެރޭގަ ހަތް މަސްދުވަސް ދިޔައިރުވެސް 260,000 ކަސްޓަމަރުން އެބަހުރި ފޮރިން ޓްރާންސެކްޝަން ބޭނުން ކުރައްވާފަ،" އޭނާ ވިދާޅުވިއެވެ.

މި ޓްރާންސެކްޝަންތަކުގެ ތެރޭގައި އޮންލައިން ވިޔަފާރިތަކާއި، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކާއި، ބޭރުގައި ކިޔަވާ ކުދިންގެ އިތުރުން ބޭސްފަރުވާއަށްދާ ފަރާތްތައް ހިމެނެއެވެ. ސައީދު ވިދާޅުވީ އޮންލައިންކޮށް މުއާމަލާތެއް ނުކުރެވުމުން ބޭންކުން ޑޮލަރު ހުސްވީތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ކަމަށާއި، ނަމަވެސް ހަގީގަތަކީ ޑިމާންޑް އިންތިހާއަށް ބޮޑުވެފައިވުން ކަމަށެވެ.

ޑޮލަރު ބޭރަށްދާ މިންވަރު އިތުރުވާ ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އޭނާ ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމާއި ފްރައިޓް ޗާޖަސް އިތުރުވުމަކީ ޑޮލަރުގެ ޚަރަދު ބޮޑުވާ ކަމެއް ކަމަށެވެ. "މިސާލަކަށް ފަންސުރެއް ހޯދަން ކުރީގަ ބައި ސެންޓި ހަރަދުކުރަންޏާ، މިހާރު އޭގެ ތެރެއަށް ފްރައިޓާ އެހެން ޗާޖެސްތަކުގެ އިތުރުން އިތުރުވެގެން އެ ދަނީ ޑޮލަރު،" އޭނާ ވިދާޅުވިއެވެ.

ނަމަވެސް މި ހުރިހާ ގޮންޖެހުންތަކާއެކުވެސް ބޭންކުން އަންނަނީ ޑޮލަރުގެ ޑިމާންޑަށް ކޭޓަރ ކުރަމުން ކަމަށް ސައީދު ވިދާޅުވިއެވެ. އަދި އެންމެ އުންމީދީ ވާހަކައެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެ، ކުރިއަށް އޮތް ތަނުގައި މިހާރު ހުރި ލިމިޓުތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް