ހެލްތު މިނިސްޓަރު ގީލާ އަލީ
ހެލްތު މިނިސްޓަރު ގީލާ އަލީ
އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފެށި ސިއްހީ ދާއިރާގެ 16 މަޝްރޫއެއް، އަމަލީ މަސައްކަތް ކުރިއަށް ނުގެންދެވި ގިނަ ދުވަސްތަކެއް ވުމާ ގުޅިގެން މި ސަރުކާރުން ހުއްޓާލާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ މިއަދު ރައްޔިތުންގެ މަޖިލީހުގައި ހާމަކުރަށްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު ހާޒިރުކުރައްވައި، ސިއްހީ ދާއިރާއާ ގުޅޭގޮތުން މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތަކެއް ފަށައި، އެ ކަންކަމަށް ބޮޑެތި އަދަދުތަކުން ފައިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރުވެސް އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނިމިފައިނުވާތީ، މި ސަރުކާރުން މިހާރު ވަނީ އޭގެ ތެރެއިން 16 މަޝްރޫއެއް ހުއްޓާލާފައެވެ.

މިގޮތުން ހުއްޓާލި މަޝްރޫއުތަކުގެ ތެރޭގައި ހއ. އިހަވަންދޫ ހޮސްޕިޓަލުގެ މަޝްރޫއު ހިމެނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "އެ މަޝްރޫއަށް ފައިސާ ވެސް ދޫކުރި. އެކަމަކު މަސައްކަތް ކުރިއަށް ނުގެންދެވިގެން މިދިޔަ މާޗު މަހުގެ ތެރޭގައި އަޅުގަނޑުމެން ވާނީ އެ މަޝްރޫއު ޓާމިނޭޓްކޮށްފައި." މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެއާއެކު މިނިސްޓަރު ވިދާޅުވީ، މި މަޝްރޫއުތައް ހިންގުމަށްޓަކައި އެޑްވާންސް ފައިސާގެ ގޮތުގައި އެކަނިވެސް 60 މިލިއަން ރުފިޔާ ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް، މަސައްކަތް ނުކުރާ މަޝްރޫޢުތަކަށް ދޫކޮށްފައިހުރި އެ ފައިސާ އަނބުރާ ހޯދުމަށް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން އަދިވެސް ފުރިހަމަވެފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވީ، އެކި މަޝްރޫއުތަކަށް އެޑްވާންސްކޮށް ފައިސާ ދޫކުރުމަށްފަހު މަސައްކަތް ނުކޮށް ހުރި މައްސަލަތައް މިހާރު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހަޅަމުންދާ ކަމަށެވެ. އަދި އެ ކަންކަން ކޮމިޓީން ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް