އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް
އައިޖީއެމްއެޗްގެ ޑޮކްޓަރުންތަކެއް
ދިވެހިރާއްޖޭގެ ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ބޮޑު އިންސައްތައަކީ އަދިވެސް ބިދޭސީން ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މައްޗަގޮޅި މެދު ދާއިރާގެ މެމްބަރު އަހުމަދު ޒަމީރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުންދާ ޑޮކްޓަރުންގެ ތެރެއިން 60 އިންސައްތައަކީ ބިދޭސީން ކަމަށެވެ. މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ބިދޭސީ ޑޮކްޓަރުންގެ އަދަދު ގިނަވުމުގެ ސަބަބުން، ޑޮކްޓަރަކު ވަޒީފާއިން ވަކިވެގެން ދާއިރު އެ މަގާމަށް އަލުން މީހަކު ހޯދުމުގައި އިދާރީ ގޮތުން ބޮޑެތި ގޮންޖެހުންތަކާއި އުނދަގޫތަކެއް ކުރިމަތިވެއެވެ.

ސިއްހީ ދާއިރާގެ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ދާއިރާގައި ޖުމްލަ 12،000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެއެވެ. އޭގެ ތެރެއިން 7،000 އަށްވުރެ ގިނަ މީހުން އަތޮޅުތެރޭގެ ރަށްރަށުގައި މަސައްކަތް ކުރާއިރު، މާލޭ ސަރަހައްދުގައި 5،000 އަށްވުރެ ގިނަ މުވައްޒަފުން ހިދުމަތުގައި އެބަތިއްބެވެ. މި މުވައްޒަފުންގެ ތެރެއިން 3،400 އަށްވުރެ ގިނަ މީހުންނަކީ ބިދޭސީންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ގީލާ ވިދާޅުވީ، ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ހިދުމަތަކީ ވީހާވެސް ގިނަ ދިވެހި މުވައްޒަފުންނާއެކު ހިންގާ ހިދުމަތަކަށް ހެދުން ކަމަށެވެ.

މި މަގުސަދު ހާސިލުކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) މެދުވެރިކޮށް ދިވެހިން ތަމްރީނުކުރުމުގެ މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށާއި، ގިނަ އަދަދެއްގެ ދިވެހި ޒުވާނުން މި ދާއިރާގެ ކޯސްތަކުގައި ބައިވެރިވުމަކީ ލިބޭނެ ވަރަށް ބޮޑު އުއްމީދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު