ސްޕޯޓްސް މިނިސްޓަރު ރާފިއު-
ސްޕޯޓްސް މިނިސްޓަރު ރާފިއު-
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބިނާކޮށްފައިވާ ކުޅިވަރުގެ ވަސީލަތްތައް ގަވާއިދުން މަރާމާތުކޮށް ބަލަހައްޓާފައި ނުވުމުގެ ސަބަބުން، ބައެއް ތަންތަން ބޭނުންނުކުރެވޭ ވަރަށް ވީރާނާވެ، ބައެއް އިމާރާތްތައް އެއްކޮށް ތަޅާލަންޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެެއްގައި މިނިސްޓަރު ރާފިޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ ފުރަތަމަވެސް ކުރި މަސައްކަތަކީ ރާއްޖޭގައި ހުރި ކުޅިވަރު ވަސީލަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި އޮޑިޓެއް ކުރުން ކަމަށެވެ. މި އޮޑިޓުން ފާހަގަވީ، ފެންވަރު ރަނގަޅުކޮށް ބިނާކޮށްފައި ހުރި ބައެއް އިމާރާތްތައްވެސް އެކަށީގެންވާ ގޮތެއްގައި މެއިންޓެއިން ކޮށްފައި ނުވުމުގެ ސަބަބުން މުޅިން ވީރާނާވެފައިވާ ކަމަށާއި ބައެއް ތަންތަން އަދިވެސް އޮތީ އެ ހާލަތުން އަރައިނުގަނެވިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ބައެއް ސްޓޭޑިއަމްތަކުގެ މަރާމާތަށް ކުރަންޖެހޭ ހޭދަ މިހާރު ވަނީ އާދަޔާ ހިލާފަށް ބޮޑުވެފައެވެ. ނަމަވެސް އެއީ ގިނަ ބަޔަކު ބޭނުންކުރާ ތަންތަނަށް ވާތީ އެ ތަންތަން ތަޅާލުމަކީ ހައްލެއް ނޫން ކަމަށާއި، އެހެންނަމަވެސް މިހާރުގެ މިންގަނޑުތަކަށް އެއްގޮތަކަށްވެސް ނުފެތޭ ބައެއް ތަންތަން އެއްކޮށް ތަޅާލައި އަލުން އިމާރާތްކުރަން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މީގަ މަރާމާތު ކުރުމެއް ނޫން މައްސަލައަކީ، މަރާމާތުގެ މަސައްކަތަކީ ކޮންޓިނިއުއަސް ޕްރޮސެސް އެއް. ނަމަވެސް އެ މަރާމާތް ކުރަން އޮންނަ ގޮތަށް ނުކުރެވި ގިނަ ދުވަސްތަކެއް ވީމަ ބައެއް ތަންތަން ހަމަ އަލަށް ތަނެއް ހެދުމެކޭ އެއްގޮތަށް ހަރަދު މި ކުރަން ޖެހެނީ،" މިނިސްޓަރު ރާފިއު ވިދާޅުވިއެވެ.

މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، އަންނަ އަހަރުގެ ބަޖެޓުގައި ކުޅިވަރު ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން ފިނޭންސް މިނިސްޓްރީއާ ވާހަކަދައްކައިގެން، ވަސީލަތްތައް ބެލެހެއްޓުމަށް ބޭނުންވާނެ އަންދާޒީ ހިސާބުތައް ބަޖެޓަށް ހުށަހަޅުއްވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ކުޅިވަރު ވަސީލަތްތައް ބަރާބަރަށް ބަލަހައްޓަމުންދާނަމަ، ދައުލަތުން ކުރަންޖެހޭ ހަރަދު ކުޑަވެ، އިމާރާތްތަކުގެ އުމުރުވެސް ދިގުވާނެ ކަމަށެވެ. މިހާރު ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޒަމާންތަކެއް ވަންދެން މަރާމާތު ނުކޮށް ހުރުމުގެ ސަބަބުން ކުރަން ޖެހިފައިވާ ބޮޑު ހޭދަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު