ބީއެމްއެލް
ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބި، މާލީ ގޮތުން ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ. ދުނިޔޭގެ މާލީ ހާލަތަށް އަންނަމުންދާ ބަދަލުތަކާއެކު ގޮންޖެހުންތަކެއް ހުރި ނަމަވެސް، ބޭންކުގެ ހިންގުން ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ފުޅާކުރުމަށް ކުރެވުނު މަސައްކަތުން ހިންގުމުގެ ފައިދާގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރަށް އެކަނި ބަލާއިރު، ބީއެމްއެލްއަށް ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކްސަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ފުރަތަމަ ހަ މަސްދުވަހު ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މީގެ ތެރޭގައި އިންޓްރެސްޓް އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީއާއި ކޮމިޝަނުގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން ބޭންކުގެ ކޮސްޓް-ޓޫ-އިންކަމް ރޭޝިއޯ ވަނީ 28 އިންސައްތައިގައި ހިފެހެއްޓިފައެވެ.

މާލީ ނަތީޖާއާއެކު ބީއެމްއެލްގެ މާލީ ފާރުދާރުކަން އިތުރަށް ވަރުގަދަވެ، 2026 ޖޫން 30 ގެ ނިޔަލަށް ބޭންކުގެ ޖުމްލަ މުދަލުގެ އަގު ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ.

ކަސްޓަމަރުންގެ ޑިޕޮސިޓްތައް 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ދޫކޮށްފައިވާ ޖުމްލަ ލޯނުގެ އަދަދު ވަނީ 30.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. އިގްތިސާދީ ހަރަކާތްތަކަށާއި އަމިއްލަ ފަރުދުންނަށް އެހީތެރިވުމުގެ ގޮތުން މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް ބޭންކުން ވަނީ 8 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމުގެ ތެރޭގައިވެސް، ބީއެމްއެލްއިން ވަނީ ގައުމުގެ ބޭރު ފައިސާގެ ބޭނުންތަކަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ. އެގޮތުން ޓީޓީ މެދުވެރިކޮށް ފައިސާ ފޮނުވުމަށް 166 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމުގެ 311,722 މުއާމަލާތް ވަނީ ހިންގާފައެވެ.

މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 20 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެއިތުރުން، ރާއްޖެއިން ބޭރުގައި ކާޑުތަކުން ކުރެވުނު މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ހަ މަހާ އަޅާބަލާއިރު 29 އިންސައްތައިގެ އިތުރުވުމެކެވެ.

ޖުމްލަ ގޮތެއްގައި މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު 478 މިލިއަން ޑޮލަރަށްވުރެ ގިނައިން ބޭރު ފައިސާ ފޯރުކޮށްދީފައިވާއިރު، މިއީ މަހަކު އެވަރެޖްކޮށް 80 މިލިއަން ޑޮލަރެވެ.

ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ބީއެމްއެލްއިން ވަނީ ހައުސިން ފައިނޭންސިންގެ ފުރުސަތުތައް އިތުރުކޮށް، މައިންޑްކޯ އާ ގުޅިގެން "މޯލްޑިވްސް އޭއައި ލެބް" އިފްތިތާހުކޮށްފައެވެ.

އަދި ބައިނަލްއަގުވާމީ މާލީ މާރުކޭޓުތަކުން ކެޕިޓަލް ހޯދުމަށް ކުރަންޖެހޭ ތައްޔާރީތައްވެސް ބޭންކުން ދަނީ ކުރަމުންނެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، ވަރުގަދަ މާލީ ހާލަތަކާއެކު މިއަހަރުގެ ދެވަނަ ބަޔަށް ބޭންކު ކުރިމަތިލަނީ ކަސްޓަމަރުންނަށާއި ވިޔަފާރިތަކަށް އަދި ގައުމީ އިގްތިސާދަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރިހަމަ ގާބިލުކަމާއެކުގައެވެ.



ކިޔުންތެރިންގެ ހިޔާލު