އިންޑިއާގެ އުއްތަރާކަންޑްގެ ވެރިރަށް ޑެހްރާދޫން
އިންޑިއާގެ އުއްތަރާކަންޑްގެ ވެރިރަށް ޑެހްރާދޫން
އިންޑިއާގެ އުއްތަރާކަންޑްގެ ވެރިރަށް ޑެހްރާދޫންގެ ނަންދާ ކީ ޗޯކީ ސަރަޙައްދުގައި 16 ކްރޯޑް ރުޕީސް (ގާތްގަނޑަކަށް 1.9 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުކޮށްގެން ބިނާކޮށް، ހުޅުވިތާ އެންމެ 16 ދުވަސްވީ ފާލަމާ ގުޅިފައިވާ މަގުގެ ބައެއް ކަނޑައިގެން ގޮސް ބޮޑު ވަޅުގަނޑެއް ހެދިއްޖެއެވެ.

ޓޮންސް ކޯރު ހުރަސްކޮށް ހަދާފައިވާ މި ފާލަން އާންމުންނަށް ހުޅުވާލާފައިވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ. ނަމަވެސް ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުގެ އަޑިން ފަސްގަނޑު ދޮވެވި، މި ހާދިސާ ހިނގުމާ ގުޅިގެން އިދިކޮޅު ކޮންގްރެސް ޕާޓީން ވަނީ ވެރިކަންކުރާ ބީޖޭޕީ ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ޑެހްރާދޫންގެ ޑިސްޓްރިކްޓް މެޖިސްޓްރޭޓް އާޝިޝް ޗޯހާން ވިދާޅުވީ، ގެއްލުން ލިބިފައިވަނީ ފާލަމުގެ މައި އޮނިގަނޑަށް ނޫން ކަމަށާއި، ފާލަމަށް ވަންނަ މަގުގެ އަޑިން ފަސްގަނޑު ދޮވެވިގެން ދިޔުމުގެ ސަބަބުން ކަމަށެވެ.

އަދި ޕަބްލިކް ވާރކްސް ޑިޕާޓްމަންޓް (ޕީޑަބްލިއުޑީ) އަށް އަންގައިގެން މަގު މަރާމާތުކުރުމުގެ މަސައްކަތް އަވަސްކޮށް، ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، މި ކަމުގައި އިހުމާލުވި އޮފިޝަލުންނާމެދު ފިޔަވަޅު އަޅާނެ ކަމަށްވެސް ޑިސްޓްރިކްޓް މެޖިސްޓްރޭޓް ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އިދިކޮޅު ކޮންގްރެސްގެ އިސް ނެގުމުގެ ދަށުން އެ ސަރަޙައްދުގައި ވަނީ އިހުތިޖާޖު ކުރަން ފަށާފައެވެ. ކޮންގްރެސްގެ ސީނިއާ ލީޑަރު ސޫރްޔަކާންތު ދަސްމާނާ ވިދާޅުވީ، 16 ކްރޯޑް ރުޕީސް ހަރަދުކޮށްގެން ހެދި ފާލަމެއް 16 ދުވަސްވެސް ނުވަނީސް ހަލާކުވުމަކީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން މޫފައިލާފައިވާ މިންވަރު ހާމަކޮށްދޭ ކަމެއް ކަމަށެވެ.

އަދި ޕީޑަބްލިއުޑީ މިނިސްޓަރު ސަތުޕާލް މަހާރާޖު އިސްތިއުފާ ދެއްވުމަށްވެސް ކޮންގްރެސްއިން ވަނީ ގޮވާލާފައެވެ.

މި ތުހުމަތުތަކާ ގުޅިގެން އުއްތަރާކަންޑްގެ ޗީފް މިނިސްޓަރު ސިންގް ދާމީ ވިދާޅުވީ، މި ހާދިސާ ތަހުގީގު ކުރުމަށް އަމުރުކުރައްވާނެ ކަމަށާއި، މަސައްކަތުގެ ފެންވަރާމެދު އެއްވެސް ދޫދިނުމެއް ނުދޭނެ ކަމަށެވެ.

މި ފާލަމަކީ މިދިޔަ އަހަރުގެ މޫސުމީ ވިއްސާރައިގައި ކުރީގެ ފާލަން ހަލާކުވުމާ ގުޅިގެން އަލުން ބިނާކުރި، ޑެހްރާދޫންއާއި ހިމާޗަލް ޕްރަދޭޝް ގުޅުވައިދޭ މުހިންމު މަގެކެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް