ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު: މިނިވަންދުވަހުގެ ހާއްސަ ރަސްމީޔާތުގެ ތެރެއިން
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުޙައްމަދު: މިނިވަންދުވަހުގެ ހާއްސަ ރަސްމީޔާތުގެ ތެރެއިން
ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނުރައްކަލުން ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން، އަންނަ އަހަރުން ފެށިގެން ގައުމީ ފެންވަރުގެ އިނާމެއް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާނު ކުރެއްވި ނަމަވެސް، އެ ނިންމެވުމާއެކު ސަރުކާރުގެ ސިޔާސަތުތަކުގެ އިޚްލާޞްތެރިކަމާމެދު އާންމުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިއްޖެއެވެ. ޚާއްޞަކޮށް، ދުންފަތުގެ އިމްޕޯޓު ޑިއުޓީ ކުޑަކޮށް، ސިނގިރޭޓު ފަދަ ތަކެތި ލިބުން ފަސޭހަކޮށްދިނުމަށް ފަހު، މިފަދަ އިނާމެއް ތައާރަފްކުރުމަކީ "ދެކޮޅުނުޖެހޭ" އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ސަރުކާރުގެ މި ސިޔާސަތާއި ގުޅިގެން ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް 'ރަސް' އޮންލައިން އަށް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ކަންކަމުގައި ސިޔާސަތު ނިންމެވުމުގައި "ކޮންފިއުޒް" ބޭފުޅެއްގެ ގޮތުގައި ސިފަވަމުންދާ ކަމަށާއި، ދުންފަތުގެ އަގު ބޮޑުކުރުމާއި ޤައުމީ އިނާމު ދިނުމުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށެވެ.

​މަލީހް ފާހަގަކުރެއްވި ގޮތުގައި ދުންފަތުގެ އަގު ބޮޑުކޮށްފައިވަނީ ސަރުކާރާއި ދުންފަތް ވިއްކާ ފަރާތްތަކާ ގުޅިގެން ކަމަށް ބެލެވޭ ކަމަށެވެ. އަދި މީގެއިން ލިބުނު ފައިދާގެ ތެރެއިން ސަރުކާރުގެ ވެރިންގެ އަތްޕުޅަށް އެޅުނީ ކިހާ ވަރެއްތޯ ސުވާލު އުފެދޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

​މީގެއިތުރުން، ޤައުމީ އިނާމުގެ ފެންވަރު މިހާރު ވަނީ "ސްޓްރީޓް ލެވެލް" އަށް ވެއްޓިފައި ކަމަށާއި، އެ އިނާމަށް ރައްޔިތުން ކުރަމުން އައި އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް މަލީހް ވިދާޅުވިއެވެ. އޭނާ ސިފަކުރެއްވި ގޮތުގައި ޤައުމީ އިނާމަކީ މިހާރު ސިޔާސީ މަޤްޞަދެއް ހާސިލުކުރުމަށްޓަކައި ވެދުންކުރާ އެއްޗެކެވެ. އެހެންކަމުން، ޤައުމީ އިނާމު ދިނުމުގެ މުޅި ނިޒާމު އިޞްލާޙުކުރަން ޖެހިފައިވާ ކަމަށް އޭނާ ގޮވާލެއްވިއެވެ.

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު (ޝިއްޕެ) 'ރަސް' އަށް ވިދާޅުވީ ސަރުކާރުން ދުންފަތުގެ އަގު ބޮޑުކުރީ އާމްދަނީ ހޯދާނެ އިތުރު އެއްވެސް ގޮތެއް ނެތުމުން ކަމަށާއި، އަދި އޭގެ ސަބަބުން ދިވެހި ރައްޔިތުން ނިކަމެތިވާނެ މިންވަރު އެނގިތިބެ ކަމަށެވެ.

ޝިފާޒު ވިދާޅުވި ގޮތުގައި، ދުންފަތުގެ އަގު ބޮޑުކުރުމަށްފަހު ސަރުކާރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިއުއެޗްއޯގެ އެވޯޑެއް ހޯދައި، އެ އެވޯޑުގެ ނަން ބޭނުންކޮށްގެން އެއީ ވަރަށް ރަނގަޅު ބަދަލެއްގެ ގޮތުގައި އާންމުންނަށް ދައްކަން މަސައްކަތްކޮށްފައެވެ.

އަދި މިނިވަން ދުވަހު އިއުލާންކުރި ކަންކަމާއެކު، އާންމުންނަށް އޮޅުވާލައިގެން ސިޔާސީ ފައިދާ ނެގުމަށް އުޅުނު ނަމަވެސް، ސަރުކާރަށް މިހާރު އުޅެނީ ކުރެވުނު ކަންތައްތަކުން އަރައިގަންނާނެ ގޮތެއް ނޭނގިގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ދުންފަތާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ ސަބަބުން ގައުމުގައި އާއިލީ އަދި އިޖުތިމާއީ ބޮޑެތި މައްސަލަތަކެއް އުފެދެމުންދާކަން ޝިފާޒު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ދުންފަތާއި ޝީޝާ ފަދަ ތަކެތި ބޭނުންކުރުން އެކަށީގެންވާ ގޮތެއްގައި ކޮންޓްރޯލް ނުކުރެވި، އަގުތައް އިންތިހާއަށް ބޮޑުވުމުގެ ނަތީޖާއެއްގެ ގޮތުން އާއިލާތަކުގެ ތެރޭގައި ހަމަނުޖެހުންތައް އިތުރުވެ، ކުޑަކުދިންނަށް ކުރެވޭ އަނިޔާތަކާއި، މާރާމާރީ އަދި މަރުގެ ހާދިސާތަކާ ހަމައަށް ކަންކަން ގޮސްފައިވެއެވެ.

ޝިފާޒު އިތުރަށް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ކަންކަން ކުރެވޭނެ ވަކި އުސޫލުތަކެއް ހުންނައިރު، ދިވެހި ރައްޔިތުންނަކީ ގަމާރު ބަޔަކަށް ހަދައިގެން، ޑަބްލިއުއެޗްއޯގެ ނަން ބޭނުންކޮށްގެން ސަރުކާރުން އުޅެނީ އާންމުންނަށް އޮޅުވާލައިގެން ސިޔާސީ ބޭނުންތަކެއް ހާސިލުކުރަން ކަމަށެވެ.

ރާއްޖޭގެ މިނިވަންކަމަށް 61 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ދުންފަތުގެ އިސްތިއުމާލުކުރުމުގެ އާދައިން މީހުން ސަލާމަތްކޮށްދިނުމަށް އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރާ މަދަނީ ޖަމިއްޔާތަކަށާއި ވަކިވަކި ފަރުދުންނަށް، އަންނަ އަހަރުގެ ޖުލައި 26 އިން ފެށިގެން ކޮންމެ އަހަރަކު ވެސް ގައުމީ އިނާމެއް ދެއްވާނެ ކަމަށެވެ. މިއީ ޒުވާނުން ދުންފަތުން ސަލާމަތްކުރުމަށް "ޖެނެރޭޝަން ބޭން" ތައާރަފްކުރުމާއެކު، ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ ސިއްހީ ސިޔާސަތުގެ ބައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް، ސިއްހީ މާހިރުންނާއި އާންމު ރައްޔިތުންގެ، ޚާއްޞަކޮށް ޒުވާނުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވަނީ، ދުންފަތާ ދެކޮޅަށް ފިޔަވަޅު އަޅާކަމަށް ބުނަމުންދާއިރު، ދާދިފަހުން ދުންފަތުގެ އިމްޕޯޓު ޑިއުޓީ ކުޑަކޮށް، ބާޒާރުގައި ދުންފަތުގެ ބާވަތްތަކުގެ އަގު ހެޔޮކުރުމަށް މަގުފަހިކޮށްދީފައިވާތީއެވެ.

މިކަމާ ގުޅިގެން ފާޑުކިޔާ ފަރާތްތަކުން ބުނަނީ، އެއްކޮޅުން ދުންފަތް ލިބުން ފަސޭހަކޮށްދީފައި، އަނެއްކޮޅުން އެކަމާ ދެކޮޅަށް މަސައްކަތްކުރާ މީހުންނަށް އިނާމު ދިނުމަކީ އިޚްލާޞްތެރިކަމެއް ނެތް، ހަޖޫޖެހުން ފަދަ ކަމެއް ކަމަށެވެ. އެޗް.ޕީ.އޭ އިން މިހާރުވެސް ދެމުންދާ އެވޯޑެއް ގައުމީ ފެންވަރަށް ބަދަލުކުރުމަކީ، ސަރުކާރުގެ "ދޯހޮޅި" ސިޔާސަތުތައް ފޮރުވުމަށް ކުރާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ސަރުކާރުން މި ނިންމުން ދިފާއުކޮށް، ޑިއުޓީ ކުޑަކުރީ ޑަބްލިއު.އެޗް.އޯގެ ލަފައަކަށް ކަމަށް ބުނި ނަމަވެސް، ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ދެކޭގޮތުގައި ދުންފަތުގެ ބާވަތްތަކުގެ އަގު ހެޔޮކުރުމަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ނިޔަތާމެދު ސުވާލު އުފެދޭ، ދެކޮޅުނުޖެހޭ ސިޔާސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު