މޮޑެލް އަދި އެކްޓްރެސް ރިއާ
މޮޑެލް އަދި އެކްޓްރެސް ރިއާ
އިންޑިއާގެ މުމްބާއީގައި ދަރިވަރުން ކުރި މުޒާހަރާއެއްގެ ތެރެއިން ފުލުހުން ހައްޔަރުކުރި ކުދިން ގޮވައިގެން ދިޔަ އުޅަނދު ހުއްޓުވި އުމުރުން 27 އަހަރުގެ މޮޑެލް އަދި އެކްޓްރެސް ރިއާ އަހީރުގެ ވާހަކަ ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ހޯދައިފިއެވެ.

މުމްބާއީގެ ޝިވާޖީ ޕާކު ސަރަހައްދުގައި ހިނގި މި ހާދިސާގެ މަންޒަރުތައް އާންމުވުމާއެކު، ރިއާ ދެއްކި ހިތްވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ރިއާ ބުނީ، އެ ސަރަހައްދުން ހިނގާފައި ދަނިކޮށް ފުލުހުންގެ ވޭނަކަށް ގިނަ އަދަދެއްގެ ދަރިވަރުން ގަދަކަމުން އަރުވާފައިވަނިކޮށް ފެނުނު ކަމަށެވެ. އެ ކުދިން ބަންދުކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ގަބޫލުކުރެވުމުން، އެކަން ހުއްޓުވުމަށްޓަކައި އޭނާ ވަގުތުން ވޭނުގެ ކުރިމައްޗަށް އަރައި މަގު ބަންދުކުރީއެވެ.

އެ ވަގުތު ފުލުހުންނާއި ރިއާއާ ދެމެދު ހޫނު ބަހުސެއް ހިނގި އިރު، ދަރިވަރުން ދޫކޮށްލުމަށް އޭނާ ވަނީ ބާރުއަޅާފައެވެ. ފުލުހުން އެހެން ތަނަކަށް ގޮސްފައި ކުދިން ދޫކޮށްލާނެ ކަމަށް ބުނުމުން، ރިއާ އެދިފައިވަނީ ހަމަ އެ ވަގުތުން ވަގުތަށް އެ ކުދިން މިނިވަންކުރުމަށެވެ. އަދި އެކަން ކުރަންދެން އޭނާ އެތަނުން ގުޑައިވެސް ނުލައި ހުރި ކަމަށް މައުލޫމާތު ދީފައިވެއެވެ.

ރިއާ އިތުރަށް ބުނި ގޮތުގައި، ބޭރުފުށުން ސާބިތުކަން ދެއްކި ނަމަވެސް އެ ވަގުތު އޭނާ ހުރީ ވަރަށް ބޮޑަށް ބިރުގަނެފައެވެ. އެހެންނަމަވެސް، އެ ދަރިވަރުން ގެންގޮސްފިނަމަ އެ ކުދިންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއްކޮށް، މުސްތަގުބަލަށް ހުރަސްއެޅިދާނެ ކަމުގެ ބިރު އޮތުމުން، ރައްޔިތެއްގެ ހައިސިއްޔަތުން އެކަމާ ދެކޮޅަށް ތެދުވުމަކީ މަސްއޫލިއްޔަތެއް ކަމަށް އޭނާ ދެކުނެވެ. ރިއާގެ މި ހިތްވަރުގަދަ އަމަލުގެ ސަބަބުން، އެންމެ ފަހުން ފުލުހުން ވަނީ އެ ވޭނުގައި ތިބި ހުރިހާ ދަރިވަރުން ދޫކޮށްލާފައެވެ.

ރިއާ އަހީރު (އިންސްޓަގްރާމްގައި 'ރިއާ އެކޫސިޔާ') އަކީ މޮޑެލްކުރުމާއި ފިލްމީ ދާއިރާގެ އިތުރުން 'ރިއާސަތު' ނަމަކަށް ކިޔާ އަމިއްލަ އަންނައުނު ބްރޭންޑެއް ހިންގާ ކާމިޔާބު ވިޔަފާރިވެރިއެކެވެ. މީގެ އިތުރުން އޭނާއަކީ އިޖުތިމާއީ އަދި ސިޔާސީ އެކި މައްސަލަތަކުގައި ފާޅުގައި އަޑުއުފުލާ ފަރާތެކެވެ. ރިއާ ފެނިގެން ގޮސްފައިވާ އެންމެ ފަހުގެ މިއުޒިކް ވީޑިއޯ 'ދިލްބަރާ' ރިލީޒްކޮށްފައިވަނީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.



ކިޔުންތެރިންގެ ހިޔާލު