ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބައިނަލްއަގުވާމީ ބައެއް ގައުމުތަކާއި މާލީ އިދާރާތައް ގުޅިގެން ބޭއްވި ބައްދަލުވުން
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބައިނަލްއަގުވާމީ ބައެއް ގައުމުތަކާއި މާލީ އިދާރާތައް ގުޅިގެން ބޭއްވި ބައްދަލުވުން
އިޒްރޭލުން ގައްޒާއަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން ސުންނާފަތިވެފައިވާ ތަންތަން އަލުން އާބާދުކުރުމުގެ ފުރަތަމަ މަރުހަލާއަށް، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ބައިނަލްއަގުވާމީ ބައެއް ގައުމުތަކާއި މާލީ އިދާރާތައް ގުޅިގެން ގާތްގަނޑަކަށް އެއް ބިލިއަން ޑޮލަރުގެ އެހީއެއް ކަނޑައަޅައިފިއެވެ.

މި އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ކުނިބުނިތައް ސާފުކުރުމާއި، ހަލާކުވެފައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް މަރާމާތުކުރުމާއި، އަސާސީ އުމްރާނީ ވަސީލަތްތައް އަލުން ގާއިމުކުރުން ހިމެނެއެވެ. މީގެ އިތުރުން، ސިއްހީ ޚިދުމަތްތައް ވަރުގަދަކުރުމާއި، އާންމު ހާލަތަށް ރުޖޫއަވުމަށް ބޭނުންވާ ކުއްލި އެހީގެ މަޝްރޫއުތަކަށް މި ފައިސާ ޚަރަދުކުރުމަށް ވަނީ ނިންމާފައެވެ.

ބްރަސަލްސްގައި ބޭއްވި ބައްދަލުވުމެއްގައި މި އެހީ އިއުލާންކުރެއްވީ ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ އާއި އެހީދޭ ގައުމުތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައެވެ.

އީޔޫގެ ކޮމިޝަނަރު ޑުބްރާވްކާ ޝުއިކާ ފާހަގަކުރެއްވި ގޮތުގައި، ގައްޒާ އަލުން އާބާދުކުރުމަށް ގާތްގަނޑަކަށް 70 ބިލިއަން ޑޮލަރު ބޭނުންވާއިރު، މިހާރު ކަނޑައެޅިފައިވާ އެއް ބިލިއަން ޑޮލަރަކީ ބޭނުންވާ މިންވަރާ އަޅާބަލާއިރު ވަރަށް ކުޑަ މިންވަރެކެވެ. ނަމަވެސް މިއީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ބައިނަލްއަގުވާމީ މުޖުތަމައު އޮތްކަން ހާމަކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު މުސްތަފާ މި އެހީއަށް މަރުހަބާ ވިދާޅުވި ނަމަވެސް، ސިޔާސީ އަދި ސަލާމަތީ ހައްލެއް ނުލިބި އާބާދުކުރުމުގެ މަސައްކަތް އެދެވޭ ގޮތެއްގައި ކުރިއަށް ނުދާނެކަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ފަލަސްތީނުގެ ބިންތަކުން އިޒްރޭލުގެ ސިފައިން ފޭބުމަކީ މިކަމަށް އޮތް އެންމެ މުހިންމު އަސާސް ކަމަށާއި، އިޒްރޭލުގެ އިސްތިއުމާރީ ހުރަސްތައް ނައްތާނުލައި، ކިތަންމެ ބޮޑު ފަންޑެއް ލިބުނަސް ދެމެހެއްޓެނިވި ކުރިއެރުމެއް ހާސިލުނުކުރެވޭނެ ކަމަށެވެ.

މި މަޝްރޫއުގައި ޖަރުމަނު، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އިޓަލީ އަދި ޖަޕާނުގެ އިތުރުން ވޯލްޑް ބޭންކާއި ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން ބައިވެރިވެއެވެ. އިޒްރޭލުގެ އަނިޔާވެރި ހަމަލާތަކުގެ ސަބަބުން ގައްޒާގެ ބޮޑު ބައެއް ސުންނާފަތިވެ، ގިނަ އަދަދެއްގެ ރައްޔިތުން ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާއިރު، މިއީ އެ ސަރަހައްދު އާބާދުކުރުމަށް އެޅޭ އުއްމީދީ ފިޔަވަޅެކެވެ. އެހެންނަމަވެސް، ގައްޒާ އޮތް ހާލަތުން އަރައިގަތުމަށް އަދިވެސް އެތައް ބިލިއަން ޑޮލަރެއްގެ އިތުރު އެހީ ބޭނުންވާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު