ކްރިމިނަކް ކޯޓު-
ކްރިމިނަކް ކޯޓު-
ސައްހަ ނޫން ލިޔެކިޔުންތަކެއް ތައްޔާރުކޮށް، އެ ބޭނުންކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ދިވެހި ފިރިހެނެއްގެ ބަންދަށް ކްރިމިނަލް ކޯޓުން 20 ދުވަސް ޖަހައިފިއެވެ.

ލިޔެކިޔުންތައް ފޯޖުކުރި ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ތ. އަތޮޅުގެ ރަށަކަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ މީހެކެވެ. އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އަންނަ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވަނީ، އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން ބޭނުންވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަކުރުމަށް ކަމަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ތުހުމަތު ކުރެވޭ ހެކި ހުރި ކަމަށް ކޯޓުން ވަނީ ބަލައިގެންފައެވެ. އެގޮތުން ފުލުހުން ވަނީ ހާދިސާގެ ރިޕޯޓާއި، ތަހުގީގާ ގުޅުންހުރި ލިޔެކިޔުންތަކާއި، ހެކިންގެ ބަޔާންތަކުގެ އިތުރުން ފޮރެންސިކް ރިޕޯޓެއް ވެސް ކޯޓަށް ހުށަހަޅާފައެވެ.

މީގެ އިތުރުން، މައްސަލައާ ގުޅުންހުރި ރެޖިސްޓްރޭޝަން ލިޔެކިޔުންތަކާއި، ތުހުމަތު ކުރެވޭ މީހާގެ ކުށުގެ ރެކޯޑު ވެސް ފުލުހުން ވަނީ ޝަރީއަތަށް ހުށަހަޅާފައެވެ.

ކޯޓުގެ އަމުރުގައި ފާހަގަކޮށްފައިވަނީ، އޭނާ މިވަގުތު ދޫކޮށްލައިފިނަމަ ތަހުގީގަށް ހުރަސް އެޅިދާނެ ކަމަށް ބެލެވޭ ގާނޫނީ ސަބަބުތަކެއް ހުރި ކަމަށެވެ. އަދި ތަހުގީގުގެ ނަޒާހަތްތެރިކަން ހިފެހެއްޓުމަށާއި، ހެކިބަހަށް ނުވަތަ ތަހުގީގީ އިޖުރާއަތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމަކީ ބަންދު އިތުރުކުރި މުހިންމު ސަބަބެއް ކަމަށް ވެސް ކޯޓުން ބުނެފައިވެއެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު