ބައްޕަ އަދި ދަރިފުޅު
ބައްޕަ އަދި ދަރިފުޅު
އިންޑިއާގެ ގާޒިއާބާދުގެ މޮޑިނަގަރުގައި، ބައްޕަގެ މިލްކިއްޔާތުގައި ހުރި 1.5 ބިލިއަން ރުޕީސް (150 ކްރޯޑް ރުޕީސް) ގެ އަގުހުރި މުދަލާ ގުޅިގެން ޖެހުނު މައްސަލައެއްގައި، ދަރިއަކު އޭނާގެ ބައްޕަ ބަޑިޖަހައި މަރާލައިފިއެވެ.

32 އަހަރުގެ ނިކިލް ނަމަކަށް ކިޔާ މި މީހާ، މި ހަމަލާ ދީފައިވަނީ ބުދަ ދުވަހުގެ ރޭ ގެއަށް މަސްތުގެ ހާލުގައި އައިސް، އޭނާގެ ބައްޕަ ހަރިއޮމް ޗައުދަރީއާ ދެމެދު ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. މި ޒުވާބު ހޫނުވެ، ނިކިލް އޭނާގެ އަތުގައި އޮތް ބަޑިން ބައްޕަގެ މޫނަށާއި މޭމައްޗަށާއި ބަނޑަށް އަމާޒުކޮށް ގިނަ އަދަދަކަށް ވަޒަން ޖެހުމަށްފަހު ފިލާފައިވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، ހަރިއޮމް އަކީ މުއްސަނދި ދަނޑުވެރިއެކެވެ. އޭނާ ވަނީ މިހާރު ވެސް ބައެއް ފިހާރަތަކާއި ގާތްގަނޑަކަށް 25 ބީގާގެ ބިން ނިކިލްއަށް ދީފައެވެ. ނަމަވެސް، ނިކިލް ބޭނުންވީ ބައްޕަގެ ބާކީ ހުރި ހުރިހާ މުދަލެއް ވެސް އޭނާގެ ނަމަށް ބަދަލުކުރުމަށެވެ. ހަރިއޮމް އެކަމާ ދެކޮޅު ހެދީ ނިކިލްގެ މަސްތުވާތަކެތި ބޭނުންކުރުމުގެ އާދަޔާއި، އޭނާގެ ކައިވެންޏާ ހަމައަށް އެކަން މަޑުޖައްސާލަން ބޭނުންވާތީއެވެ.

މި ހާދިސާގައި ލިބުނު ޒަޚަމްތަކާއެކު ހަރިއޮމް ވަނީ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި މަރުވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ މަރުގެ މައްސަލައެއް ރަޖިސްޓްރީކޮށް، ފިލައިގެން އުޅޭ ނިކިލް ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ތަހުގީގުތަކުން އެނގޭ ގޮތުގައި މީގެ ކުރިން 2018 ވަނަ އަހަރު ވެސް އާއިލީ މައްސަލައެއްގައި ނިކިލް އޭނާގެ ކޮއްކޮގެ ގަޔަށް ބަޑިޖަހައި ޒަޚަމްކޮށްލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު