ބީއެމްއެލްގެ ސީއީއޯ އާއި ޗެއާޕާސަން
ބީއެމްއެލްގެ ސީއީއޯ އާއި ޗެއާޕާސަން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެ ބޭންކުގެ ޑިޖިޓަލް ވޮލެޓް "ސްވައިޕް" މެދުވެރިކޮށް ބައިނަލްއަގުވާމީ އެކައުންޓްތައް ހުޅުވޭނެ ގޮތާއި ބޭރުން ފައިސާ ގެނެވޭ ޚިދުމަތުގެ ތަފްސީލުތައް އާންމުކޮށްފިއެވެ.

މި އައު ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އަމިއްލަ އިންޓަނޭޝަނަލް ބޭންކް އެކައުންޓް ނަންބަރeއް ހިމެނޭ އިންޓަނޭޝަނަލް އެކައުންޓެއް ހުޅުވައި، ބޭރުގެ އެކައުންޓްތަކުން ފަސޭހަކަމާއެކު ފައިސާ ލިބޭނެ މަގުފަހިވެގެންދާނެއެވެ. ބީއެމްއެލް އިން ހާމަކޮށްފައިވާ ގޮތުގައި މި އެކައުންޓްތަކުގެ ޚިދުމަތް ލިބޭނީ ޔޫއެސް ޑޮލަރު، ޔޫރޯ އަދި ޕައުންޑް އިންނެވެ. މިއީ ތަފާތު ފައިސާއިން މުއާމަލާތް ކުރަން ބޭނުންވާ ކަސްޓަމަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ.

ބައިނަލްއަގުވާމީ ފައިސާގެ ޓްރާންސްފާއެއް ހިންގުމާއެކު، ވަގުތުން ކަސްޓަމަރުގެ "ސްވައިޕް" ވޮލެޓަށް އެ ފައިސާ ޖަމާވާނެއެވެ. މީގެ އިތުރުން، ސްވައިޕްއަށް ލިބޭ ޕީ-ޓު-ޕީ ފައިސާގެ ޓްރާންސްފަރތަކުން އެއްވެސް ފީއެއް ނުނަގާނެ ކަމަށްވެސް ބޭންކުން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބައިނަލްއަގްވާމީ ފައިސާ ލިބޭނެ ގޮތް ހަމަޖެހުމަކީ ކަސްޓަމަރުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އައި ކަމެއް ކަމަށެވެ. އަދި މީގެ ސަބަބުން ފްރީލާންސް މަސައްކަތްކުރާ ފަރާތްތަކާއި، އަމިއްލަ ވިޔަފާރިވެރިން އަދި ބޭރުގެ ބައިވެރިންނާއެކު މުއާމަލާތްކުރާ ވިޔަފާރިތަކަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"މި ހިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޭރު ގައުމެއްގައި ބޭންކް އެކައުންޓެއް ހުޅުވައިގެން އެ ގައުމެއްގެ ލޯކަލް ޕޭމަންޓެއްހެން ވަގުތުން އިންސްޓަންޓްކޮށް ފައިސާ ޖަމާވެގެންދާނެ. މިއީ 'ސްވައިޕް' އަކީ ފުރިހަމަ ޑިޖިޓަލް ޕޭމަންޓް ޕްލެޓްފޯމަކަށް ހެދުމަށާއި، ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކާއި އީޖާދީ މަސައްކަތްތަކަށް އެހީތެރިވުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ޝަރީފް ވިދާޅުވިއެވެ.

މިއަހަރުގެ ކުރީކޮޅު ރަސްމީކޮށް ތައާރަފްކުރި "ސްވައިޕް" ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު މިހާރު ވަނީ 20,000 އަށްވުރެ މައްޗަށް އަރާފައެވެ. އަދި 3,300 އަށްވުރެ ގިނަ މާޗަންޓުން މިހާރުވެސް މި ޚިދުމަތް ބޭނުންކުރަމުންދާއިރު، މިއީ ރާއްޖޭގައި އެންމެ ހެޔޮ އަގުގައި އަދި އެންމެ އަވަހަށް ފައިސާ ސެޓްލްކޮށްދޭ އެއް ޑިޖިޓަލް ޕޭމަންޓް ހިދުމަތެވެ.



ކިޔުންތެރިންގެ ހިޔާލު