ހުޅުމާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި ރައްކާކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން ރޭ ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދެ ފިރިހެނުންކަމަށާއި އެދެމީހުންނަކީވެސް ދިވެހިންކަމަށް ފުލުހުން މަޢުލޫމާތުދެއެެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި ހުޅުމާލޭގެ ދެ ފްލެޓެއް ބަލައިފާސްކޮށްފައިވާއިރު އެތަނުން އެއް ފްލެޓަކުން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ހެރޮއިންކަމަށް ބެލެވޭ އެއްޗެއް ހޭކިފަައިހުރި 8 ރަބަރު ޕެކެޓާއި ހުސް ރަބަރު ޕެކެޓްތަކެއް ފެނިފައިވާ ކަމަށެވެ.

މީގެއިތުރުން މި އޮޕަރޭޝަނުގައި ފަސް ކާރެއް ބަލައިފާސްކޮށްފައި ވާކަމަށާއި ބަލައިފާސްކުރި ފަސް ކާރުންކުރެ އެއްކާރުގެ ތެރެއިން ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެގޮތުން އެކާރުން 34 ދަޅު ބިޔަރާއި ބޮގަރުކަމަށް ބެލެވޭ އެއްޗެއްހުރި 33 ފުޅިއާއި 58 ފުޅި ބަނގުރަލާއި މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނަބިސްކަމަށް ބެލެވޭ އެއްޗެއްހުރި 51 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މިމައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު ދަނީ ތަހުގީގުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު