ރައީސް ނަޝީދު އެއްވުމެއްގައި
ރައީސް ނަޝީދު އެއްވުމެއްގައި
ކުރީގެ ރައީސުން ބައިވެރިވެވަޑައިގަންނަވާ ސިޔާސީ މުޒާހަރާތަކާއި އެއްވުންތަކުގައި އެ ބޭފުޅުންނަށް ދޭ ސެކިއުރިޓީ ކަނޑާލުމަކީ ސިޔާސީ މަގުސަދެއްގައި ކުރާ ކަމެއް ކަމަށާއި، އެފަދަ ނިންމުމަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު (އެމްއެންޑީއެފް) އިން އެއްބަސްނުވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ އެއްވުންތަކަކީ ޓެރަރިސްޓް ހަމަލާތައް އައުމުގެ ފުރުސަތު ބޮޑު ތަންތަން ކަމަށާއި، އެފަދަ ތަންތަނުގައި ސަލާމަތީ ރައްކާތެރިކަން ކުޑަކުރުމަކީ މުޅި ރާއްޖޭގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށެވެ.

"އެއީ އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން. އަޅުގަނޑަށް ފެންނަ ތަނުގައި އެއީކީ އެމްއެންޑީއެފުން އެއްބަސްވާނެ ކަމެއް ނޫން." ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ސިޔާސީ ވެރިންނަށް އަމާޒުކޮށް ދޭ ހަމަލާތަކަކީ ދެކުނު އޭޝިއާ އާއި އެފްރިކާގެ ގައުމުތަކުގައި އާންމުކޮށް ހިނގާ ކަމެއް ކަމަށެވެ. އަދި މިފަދަ ހަމަލާތަކުގައި ހަމައެކަނި ސިޔާސީ ވެރިންގެ އިތުރުން، އެތައް ބައިވަރު ކުށެއްނެތް އާންމު ރައްޔިތުންގެ ފުރާނަ ގެއްލިގެންދާކަން އެމަނިކުފާނު ހަނދާންކޮށް ދެއްވިއެވެ. އެގޮތުން އެއްފަހަރާ 30 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ހާދިސާތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސެކިއުރިޓީ ކަނޑާލުމުގެ ނިންމުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބިރެއް ދައްކައިގެން އެމަނިކުފާނު މުޒާހަރާއަށް ނުކުތުން ނުހުއްޓުވޭނެ ކަމަށެވެ.

"އަޅުގަނޑުގެ ހިތެއް ނުބުނޭ އެއްވެސް ބޭފުޅަކު ރާއްޖޭގައި ހިތަށް އަރާފާނެ ކަމަކަށް އެގޮތަށް ބިރެއް ދައްކައިގެން އަޅުގަނޑު މަގުމައްޗަށް ނުނުކުމެ ހުރެދާނެ ކަމަށް." ސަމާސާ ރާގަކަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ކުރީގެ ރައީސުންނަށް ފޯރުކޮށްދޭ ސަލާމަތީ ފިޔަވަޅުތަކަކީ ވަކި ފަރުދަކަށް ދެވޭ ހިދުމަތެއްގެ ބަދަލުގައި، މުޅި ގައުމުގެ ހަމަޖެހުމާއި އަމާންކަމާ ގުޅިފައިވާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފުރިހަމަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ މައްޗަށް އޮތް ޒިންމާއެއްކަންވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ 241 ކޮމިޓީން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު