ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ތިން އަހަރު ފުރެން ގާތްވެފައިވާއިރު، ވެރިކަމަށް އައުމަށް ވެވަޑައިގެންނެވި ވަޢުދުތައް ފުދެމުންދާ މިންވަރާ މެދު އާންމު ރައްޔިތުންގެ މެދުގައި ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އުމްރާނީ ތަރައްޤީއާއި ގައުމީ ސިޔާދަތުގެ ވާހަކަތައް ދެއްކި ނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ފާހަގަކުރަނީ ދިރިއުޅުމުގެ ޚަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ސަރުކާރުގެ ކާމިޔާބީތަކަށްވުރެ ރައްޔިތުންގެ މާޔޫސްކަން ބޮޑުވެފައިވާ ކަމަށެވެ.

އިޤްތިޞާދީ ގޮންޖެހުންތަކަކީ މިވަގުތު އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ގިނަ އާއިލާތަކެއްގެ ދިރިއުޅުމުގެ ފެންވަރު ވަނީ ދަށަށް ގޮސްފައެވެ. މީގެ އިތުރުން، ބޭރު ފައިސާގެ ދަތިކަމާއި އިޤްތިޞާދީ ނުތަނަވަސްކަމުގެ ސަބަބުން ވިޔަފާރިތަކަށް ވަނީ ނުހަނު ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ގިނަ ރައްޔިތުންނަށް މިއަދު ސިޔާސީ ދުރު އަމާޒުތަކަށްވުރެ ބޮޑަށް މުހިންމީ ދިރިއުޅުމުގެ ޒަރޫރީ ކަންކަން ހަމަޖެހުމެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަކީވެސް ސަރުކާރަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ. ގޯއްޗާއި ފްލެޓްތަކަށް އެދިފައިވާ އެތައް ހާސް ބަޔަކު އަދިވެސް ތިބީ އިންތިޒާރުގައެވެ. އިންތިޚާބަށްފަހު މި މަސައްކަތްތައް އަވަސްވާނެ ކަމަށް އުންމީދުކުރި ނަމަވެސް، އަމަލީ މަސައްކަތްތައް ލަސްވުމުގެ ސަބަބުން އާންމުންގެ މެދުގައި ވަނީ ބޮޑު ހިތްހަމަނުޖެހުމެއް އުފެދިފައެވެ. މި މައްސަލައިގައި ކޮންމެ ކަމެއް ކުރީ ސަރުކާރުގެ ބޯމަތީގައި އެޅުވުމުގެ ބަދަލުގައި، ކުރީގެ ސަރުކާރުން ކަނޑުން ނުވަތަ ހިއްކާފައިވާ ބިންތަކުން ދޫކޮށްފައިވާ ގޯތިތައް ވީހާވެސް އަވަހަކަށް ރައްޔިތުންނާ ހަވާލުކުރުމަކީ އާންމުންގެ އެންމެ ބޮޑު އެދުމެވެ.

ދައުލަތުގެ މަސްއޫލުވެރިންނާއި މަޖިލިސް މެންބަރުން ސިއްހީ ނިޒާމު ހަރުދަނާކަމާއި، ބޭސްފަރުވާއަށް ބޭނުންވާ ބޭރު ފައިސާ ލިބޭކަމަށް ވިދާޅުވި ނަމަވެސް، ހަގީގަތް މިއާ މުޅިން ތަފާތެވެ. ބޭރަށް ބޭސްފަރުވާއަށްދާ ބަލިމީހުންނަށް ޑޮލަރު ހޯދުމުގައި އިންތިހާ ތަކުލީފު އުފުލަންޖެހުމާއި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވުމުގެ ސަބަބުން ފަރުވާގެ ޚަރަދުތައް ވަނީ އަތްނުފޯރާ ފަށަށް ގޮސްފައެވެ. ބޭންކުން ލިބޭ މަދު ޑޮލަރުކޮޅުގެ އިތުރުން ބޭނުންވާ ފައިސާ ހޯދުމަށް ރައްޔިތުންނަށް މަޖުބޫރުވެފައިވަނީ ބޮޑު އަގުގައި ބާޒާރުން ޑޮލަރު ގަންނާށެވެ.

ބޭރުގެ ބޭސްފަރުވާއާ ގުޅުންހުރި އެހީތެރިކަމަށް އެދި އާސަންދައާއި އެންސްޕާ ފަދަ މުއައްސަސާތަކަށް ހުށަހެޅުމުން އެހީ ނުލިބުމުގެ ޝަކުވާއަކީ ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ. މިއިން ދޭހަކޮށްދެނީ މިހާރު އޮތް ނިޒާމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބޭ ނިޒާމެއް ނޫން ކަމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި، މިހާރުގެ ނިޒާމު ބައްޓަންވެފައިވަނީ ސަރުކާރުގެ މަތީ ފަޑީގެ ބޭފުޅުންނާއި، ގާތްތިމާގެ މީހުންނަށް ނުފޫޒުގެ ބޭނުންކޮށްގެން އުސޫލުން ބޭރުން އެހީ ހޯދޭނެ މަގަކަށެވެ.

ވެރިކަން ކުރުމުގެ އެންމެ އަސާސީ އެއް ސިފައަކީ ޒިންމާދާރުވުމެވެ. ކޮންމެ ސަރުކާރަކަށްވެސް ކުރީގެ ސަރުކާރުތަކުން ދޫކޮށްފައިވާ ދަތިތަކާއި މައްސަލަތަކާ ކުރިމަތިލާންޖެހޭނެއެވެ. ވެރިކަމާ ހަވާލުވާ ހިސާބުން ގައުމުގެ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީ އެއިރެއްގައި އޮންނަ ސަރުކާރަކުންނެވެ. މިއަދުގެ މައްސަލަތަކަށް ހައްލު ހޯދުމުގެ ބަދަލުގައި، އަބަދު ކުރީގެ ސަރުކާރުތަކަށް އިނގިލި ދިއްކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ.

ރައީސާ އަރިސް ބޭފުޅުންގެ ނުފޫޒާއި ދެއްވާ ލަފާތަކާ މެދުވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ވެރިންނަށް ގައުމުގެ ހަގީގީ ހާލަތު ބަޔާންކޮށްދިނުމުގެ ބަދަލުގައި، ހަމައެކަނި އުފާވެރި މަންޒަރުތައް ދެއްކުމަކީ ރައްޔިތުންގެ އިހުސާސްތަކާ ވެރިން ދުރުކުރުވާ ކަމެކެވެ. މީގެ ސަބަބުން ސަރުކާރާ މެދު އޮތް އިތުބާރު ކުޑަވެ، ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.

ސިޔާސީ ގޮތުން ބަލާއިރު، ދާދިފަހުން ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއިން ފެނިގެންދިޔައީ ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާ މަންޒަރެވެ. މިއީ ސަރުކާރުގެ މިސްރާބާއި ވަޢުދުތައް ފުއްދުމުގެ ގާބިލުކަމާ މެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޝައްކުތައް ހާމަވެގެންދިޔަ ކަމެކެވެ. ނަމަވެސް، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން މަސައްކަތް ކުރަމުންދަނީ މިއީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރުމަށެވެ.

ސަރުކާރުގެ ދިފާއުގައި ވާހަކަދައްކަވާ ބޭފުޅުން އިޞްލާޙީ ބަދަލުތަކަށް ވަގުތު ބޭނުންވާނެ ކަމަށް ވިދާޅުވި ނަމަވެސް، އާންމު ރައްޔިތުންގެ ނަޒަރުގައި ބަދަލުތައް އަންނަނީ މާ ލަސްކޮށެވެ. ސަރުކާރެއްގެ ކާމިޔާބީ މިނެކިރޭނީ ވެފައިވާ ވަޢުދުތަކުން އެކަންޏެއް ނޫނެވެ؛ އެއީ ރައްޔިތުންގެ ދިރިއުޅުމަށް އަންނަ ހެޔޮ ބަދަލުތަކުންނެވެ. ރައީސް މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ އިތުބާރު އަލުން ހޯދޭނީ އިޤްތިޞާދީ ދަތިތަކާއި ސިއްހީ ނިޒާމުގެ މައްސަލަތަކަށް އަމަލީ ހައްލެއް ހޯދައިދީގެންނެވެ.



ކިޔުންތެރިންގެ ހިޔާލު