އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު
ރާއްޖޭގެ ސްކޫލްތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ ތެރެއިން 8،000 އަށްވުރެ ގިނަ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަމަށާއި، ގިނަ ދަރިވަރުންނަށް ހިސާބު މާއްދާއިން ދަށް ނަތީޖާއެއް ލިބުމަކީ ކަންބޮޑުވުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެއެވެ.

ކީސްޓޭޖް-3 2025ގެ "ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްސް" ރިޕޯޓް އާންމުކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ނަތީޖާ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ސްކޫލަށް ގަވާއިދުން ހާޒިރުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ. ނަމަވެސް މިދުވަސްވަރު ގިނަ އަދަދެއްގެ ދަރިވަރުން ސްކޫލަށް ހާޒިރުނުވާކަން ފާހަގަކުރަށްވައި، އެއީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއްކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ސްކޫލަށް ހާޒިރުނުވާ ދަރިވަރުންގެ 40 އިންސައްތައަކީ މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ދަރިވަރުން ކަމަށެވެ. ސްކޫލަށް ހާޒިރުނުވެ ފިލާވަޅުތައް ގެއްލޭނަމަ، އެކަމުގެ ނޭދެވޭ އަސަރު ދަރިވަރުންގެ ޖުމްލަ ނަތީޖާއަށް ކުރާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި، ދަރިވަރުން ސްކޫލަށް ދާ މިންވަރު ބެލުމަށް މިދިޔަ މަހު ހާއްސަ ޕްލެޓްފޯމެއް ގާއިމްކޮށް މަސައްކަތްތަކެއް ފަށާފައިވާ ކަމަށާއި، އޭގެ ސަބަބުން ދަރިވަރުންގެ ހާޒިރީ ވަޒަންކުރަން ފަސޭހަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، ކީސްޓޭޖްތަކުގެ ދަރިވަރުންނާއި މި ފަހުން އޯލެވެލް ހެދި ދަރިވަރުންގެ ނަތީޖާ ވެސް ވަރަށް ދަށްކަން މިނިސްޓަރު މިއަދު ފާހަގަކުރެއްވިއެވެ. ހާއްސަކޮށް ހިސާބު މާއްދާގެ ނަތީޖާ ހުރިހާ ލެވެލްއެއްގައިވެސް ދަށްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ނޭޝަނަލް އެސެސްމެންޓް އޮފް ލާނިން އައުޓްކަމްގެ ނަތީޖާތަކަށް ބަލާއިރު ކީސްޓޭޖް 1 އަދި ކީ ސްޓޭޖް 2ގެ މާއްދާގެ [ހިސާބު] ނަތީޖާ ދަށް. އެކި ބައްދަލުވުންތަކުގައި އަދި ރައްޔިތުންނާއި ދާއިރާގެ މެމްބަރުންނާއި ޓީޗަރުންނާއި ޕްރިންސިޕަލުންނަށް ވެސް ވާނީ އެ ވާހަކަ ހިއްސާކޮށްފައި، ކީ ސްޓޭޖް 3ގައި ވެސް ފެނިގެން މި ދިޔައީ ހަމަ ދަށްކަން. އެއާއެކު އައިޖީސީއެސްއީ އަދި އޯލެވެލްގެ ނަތީޖާއަށް ބަލާއިރު ވެސް ހިސާބު މާއްދާގެ ނަތީޖާ ދަށް." ވަޒީރު ޝަފީއު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ހިސާބު ޓީޗަރުންނަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކީސްޓޭޖް 1ގެ މަންހަޖަށް ގެންނަ ބަދަލުތަކާއެކު ހިސާބު މާއްދާއަށް ކަނޑައަޅާފައިވާ ވަގުތު އިތުރުކުރުމާއި، ދަރިވަރުން ހިސާބު މާއްދާއަށް ޝައުގުވެރިވާނެ ފަދަ ގޮތަކަށް ފޮތްތައް އަލުން އެކުލަވާލުން ހިމެނެއެވެ.

ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމުގެ މަގްސަދުގައި، ސްކޫލުތަކުގައި ދިވެހި، އިސްލާމް އަދި ހިސާބު މާއްދާ ކިޔަވައިދޭ ވަގުތު އިތުރުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެ ކުރިން ނިންމާފައެވެ. މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލެއްވީ ދަރިވަރުންގެ ތައުލީމީ ފެންވަރު މަތިކުރުމަށް ބެލެނިވެރިންނާއި ސްކޫލްތައް ގުޅިގެން މަސައްކަތް ކުރުމަށް އިލްތިމާސް ކުރަށްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު