ރާޖަސްތާނުގެ ބީލްވާރާ ޑިސްޓްރިކްޓް
ރާޖަސްތާނުގެ ބީލްވާރާ ޑިސްޓްރިކްޓް
އިންޑިއާގެ ރާޖަސްތާނުގެ ބީލްވާރާ ޑިސްޓްރިކްޓްގެ ކަރޭޑާ އަވަށުގައި ހުންނަ މޯބައިލް ފޯނު ވިއްކާ ފިހާރައަކުން ގިނަ އަދަދެއްގެ ފޯނުތަކެއް ވަގަށް ނަގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މި ވައްކަމުގައި 4 ލައްކައާއި 5 ލައްކަ އިންޑިއަން ރުޕީސްއާ ދެމެދުގެ އަގުހުރި، ގާތްގަނޑަކަށް 35 އާއި 40 އާ ދެމެދުގެ އަދަދަކަށް ސްމާޓްފޯނު ވަނީ ވަގަށް ނަގާފައެވެ. ފިހާރައިގެ ވެރިފަރާތް ކަމަށްވާ ލަކްޝްމަން ސެން އަށް މިކަން އެނގުނީ އަންގާރަ ދުވަހުގެ ހެނދުނު ފިހާރަ ހުޅުވަން ދިޔަ ވަގުތު، ފިހާރައިގެ ތެރެ ހޭވި، ފޯނު ފޮށިތައް ހުސްކޮށް ހުރިތަން ފެނުމުންނެވެ.

މި މައްސަލައާ ގުޅިގެން ކަރޭޑާ ފުލުހުން ކުރި ތަހުގީގުން ފާހަގަކުރެވުނު އެންމެ ހައިރާންކުރުވަނިވި ކަމަކީ، ފިހާރައިގެ ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި ވައްކަން ކުރަން ވަން މީހުންގެ ތެރެއިން އެކަކު ހުރީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސޫރަ ސިފަވާ ފަދަ މާސްކެއް އަޅައިގެންނެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި ވައްކަން ކުރި ގޭންގުން އެ ރޭ އެ ސަރަހައްދުގެ އެހެން މޯބައިލް ފިހާރައަކަށްވެސް ވަންނަން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް އެ ފިހާރައިން ވައްކަން ކުރުން ވަނީ ނާކާމިޔާބުވެފައެވެ. މި މައްސަލަ ރަސްމީކޮށް ރަޖިސްޓްރީކޮށް، ސީސީޓީވީ ފުޓޭޖްތަކުގެ އެހީގައި ފުލުހުން އަންނަނީ ތަހުގީގު ކުރިއަށް ގެންދަމުންނެވެ. އަދި މި ވައްކަމުގައި ބައިވެރިވި ފަރާތްތައް ވަރަށް އަވަހަށް އަތުލައިގަނެވޭނެ ކަމަށް ފުލުހުން ޔަގީންކަން ދެއެވެ.



ކިޔުންތެރިންގެ ހިޔާލު