އަހުމަދު މަސްނޫމް   22 އޮކްޓޯބަރު 2020 - 19:27
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް
މިއަހަރުގެ ޒުވާނުންގެ ދުވަސް އަޅުގަނޑުމެން ފާހަގަކުރަމުންދާއިރު، ޒުވާނުންގެ ކުރިމަގު އޮތީ ބަންދުވެފައިކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ކުރެއްވި ޓްވީޓުގައި ވިދާޅުވީ ޒުވާނުންގެ ކުރިމަގު މިއަދު އޮތީ ބަންދުވެފައިކަމަށެވެ. އަދި ޒުވާނުންގެ ކުރިމަގަށް ކުރި އެތަކެއް އުއްމީދެއް އޮޔާގޮސް ޖެހުނީ ސަލާންޖަހަންކަމަށް އޭނާ ވިދާޅުވިއެވެ. ސެންބެ ވިދާޅުވީ މިކަން މިހެން ދިމާވީ ބަޔަކު ގަސްތުގައި ރާވައިގެން ގައުމާއި ޖަމާއަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކުރުމުންކަމަށެވެ.



ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ވަނީ ޒުވާނުންގެ ކުރިމަގަށް މިސަރުކާރުން ކުރި މަސައްކަތްތަކާމެދު ހިތްހަމަޖެހޭކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސޯޝަލް މީޑިއާގައި މަހްލޫފް ދެއްކެވި ވާޙަކަތަކަށް ގިނަ ބަޔަކު ދަނީ ރައްދުދެމުންނެވެ. އެގޮތުން މިސަރުކާރުން ޒުވާނުންގެ ކުރިމަގަށް މާބޮޑު މަސައްކަތެއް ނުކުރާކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ. އަދި މިސަރުކާރުން ޒުވާނުންނަށް ކޮށްދޭ ހަމައެކަނި ކަމަކީ ފުޓްސަލް ދަނޑު އެޅުންކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.



ޒުވާނުންގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ ޒުވާނުންގެ ހުނަރާއި ގާބިލުކަން އިތުރުކުރެވޭނީ ޒުވާނުންނަށް ފުރުސަތުތައް ފަހިކޮށްދީގެންކަމަށެވެ. ރައީސްގެ މެސެޖަށްވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.



މީސް މީޑިއާގައި ޚިޔާލުފާޅުކުރި މީހުން ބުނެފައިވަނީ ޒުވާނުންގެ ދުވަސް މިއަދު ފާހަގަކުރާއިރު ޒުވާނުން ތިބީ ނާއުއްމީދުވެފައިކަމަށެވެ. ސަރުކާރުން ޒުވާނުންނަށް ކޮށްދޭން ބުނި އެއްކަމެއްވެސް ކޮށްދިން ތަނެއް ނުފެންނަ ކަމަށް ވެސް ބައެއްމީހުން ބުނެފައި ވެއެވެ.

“ހައްތަހާވެސް ފެންނަނީ ހުސް އަނގަ ތަޅާ ތަނެވެ. ޒުވާނުންނަށްޓަކައި ކޮށްދޭ ކަމެއް، ކޮށްދިން ކަމެއް، ނޫނީ ކުރަން އުޅޭކަމެއްވެސް އަދި ފެންނާކަށް ނެތެވެ. ހުސް ހަންބުރިތަކެއް އަޅައިގެން ސުވިމިންގ ޕޫލާއި ކާޕެޓު އަޅައިގެން ހަދާ ފުޓްސަލް ދަނޑުތަކަކީ ޒުވާނުންނަށް ތަރައްޤީ ގެންނާނެ ކަންތައްތަކެއް ނޫނެވެ. އެއީ ޒުވާނުންގެ މުނިފޫހިފިލުވުމަށް އެކަށީގެންވާ ކަންކަމެވެ.”ޚިޔާލުތައް ހިއްސާކޮށްފައިވާ މީހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން