މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވަމުންދާ ނޭދެވޭ އަސަރުތަކާއި ގެއްލުންތަކުން އަރައިގަތުމަށްޓަކައި، ބައިނަލްއަގުވާމީ މައިދާނުގައި ފޯރުކޮށްދޭ އެހީތެރިކަން މިހާރަށްވުރެ އިތުރުކޮށް ހަރުދަނާކުރުމަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

ރާއްޖެއިން މިކަމަށް ގޮވާލާފައިވަނީ ސްވިޒަލޭންޑުގެ ޖެނީވާގައި މިހާރު ކުރިއަށްދާ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ދައުރުގެ ބައްދަލުވުމުގައެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ ފަރާތުން ބަޔާން އިއްވެވީ ޖެނީވާގައި ހުންނަ އދ. ގެ އޮފީސްތަކަށް ރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދެވެ.

ޑރ. ސަލްމާގެ ބަޔާނުގައި، ގައުމުތަކަށް ކުރިމަތިވާ އިގްތިސާދީ، ތިމާވެށި އަދި އިޖުތިމާއީ ނުރައްކާތަކުން އަރައިގަތުމަށް އެ ގައުމެއްގެ ނާޒުކުކަމާއި ގާބިލުކަން ހުރި މިންވަރު ދެނެގަތުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، އދ. އިން އެކުލަވާލާފައިވާ "މަލްޓި ޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް" ހުރިހާ ގައުމުތަކުން ބަލައިގަނެ، އެއަށް އަމަލުކުރުމަށް ބާރުއެޅުއްވިއެވެ. މިއީ ތަރައްގީވަމުންދާ ކުދި ޖަޒީރާ ގައުމުތަކަށް ބައިނަލްއަގުވާމީ އެހީތެރިކަން ހޯދުމުގައި ކުރިމަތިވާ ގޮންޖެހުންތަކަށް އޮތް މުހިންމު ހައްލެއްގެ ގޮތުގައި ރާއްޖެއިން ދެކެއެވެ.

މީގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަމާއި މޫސުމީ ވިލުންތެރިކަމާ ދެމެދު އޮތް ބަދަހި ގުޅުމުގެ މައްޗަށް ރާއްޖޭގެ ބަޔާނުގައި އަލިއަޅުވާލާފައިވެއެވެ. މިގޮތުން، ރާއްޖޭގެ ދޮށީގެ މަސްވެރިކަމަކީ ތިމާވެއްޓާ ރައްޓެހި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދާ މަސްވެރިކަމުގެ ބައިނަލްއަގުވާމީ ނަމޫނާއެއްކަން ފާހަގަކޮށް، މޫސުމީ ބަދަލުތަކުގެ ސަބަބުން މިފަދަ ދާއިރާތަކަށް ކުރާ އަސަރުތައް ކުޑަކުރުމުގެ މުހިންމުކަން ބަޔާންކުރެއްވިއެވެ.

މޫސުމީ މައްސަލަތަކަށް ހައްލު ހޯދުމަށް އުފައްދާފައިވާ ބައިނަލްއަގުވާމީ ފަންޑުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، "ފަންޑް ފޯ ރެސްޕޮންޑިން" ފަދަ މުހިންމު ވަސީލަތްތަކަށް ބޭނުންވާ ފައިސާ ފުރިހަމައަށް ހަމަޖެއްސުމަށް ރާއްޖެއިން ގޮވާލިއެވެ. އަދި މޫސުމީ ބަދަލުތަކާ ކުރިމަތިލުމަށް ގައުމުތަކަށް ލިބޭ ހިލޭ އެހީގެ ނިޒާމު މިހާރަށްވުރެ ހަރުދަނާކޮށް، އެހީ ބޭނުންވާ ގައުމުތަކަށް ފަސޭހައިން އެހީ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭންޖެހޭ ކަމަށް ވެސް ރާއްޖޭގެ ބަޔާނުގައި ބާރުއަޅާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް