އަމީނިއްޔާ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި އިނާމް ހާސިލްކުރި ދަރިވަރުންތަކެއް - ފޮޓޯ: އަމީނިއްޔާ ސްކޫލް
އަމީނިއްޔާ ސްކޫލްގެ އަހަރީ އިނާމް ދިނުމުގެ ޖަލްސާގައި އިނާމް ހާސިލްކުރި ދަރިވަރުންތަކެއް - ފޮޓޯ: އަމީނިއްޔާ ސްކޫލް
ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއިން ދިވެހި، އިސްލާމް އަދި ހިސާބު މާއްދާއަށް ހާއްސަކުރާ ވަގުތުތައް އިތުރުކުރުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ އަމީނިއްޔާ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއުއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، 2015 ވަނަ އަހަރު ތައާރަފުކުރި ކަރިކިއުލަމް މިއަދާ ހަމައަށް މުރާޖައާ ކުރެވިފައި ނުވާތީ، ޒަމާނީ ބަދަލުތަކާއި ދަރިވަރުންގެ ނަތީޖާއަށް ރިއާޔަތްކޮށް، މުގައްރަރުގެ ބައިތައް އަލުން ތަރުތީބުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.

މި ބަދަލުތަކުގެ ދަށުން، ދިވެހި، އިސްލާމް، ހިސާބު އަދި ބަސްތައް ދަސްކުރުމަށް މިހާރަށްވުރެ ގިނަ ވަގުތު ދަރިވަރުންނަށް ލިބިގެންދާނެއެވެ. އަންނަ ދިރާސީ އަހަރުން ފެށިގެން ކީ ސްޓޭޖް 1 (ގްރޭޑް 1، 2، އަދި 3) ގައި މި ބަދަލުތަކަށް އަމަލުކުރަން ފެށުމަކީ މިނިސްޓްރީގެ އަމާޒު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ދުނިޔެ ބަދަލުވަމުންދާ މި ދަނޑިވަޅުގައި، ސްކޫލަކީ ހަމައެކަނި މައުލޫމާތު ހޯދާ ތަނެއްގެ ބަދަލުގައި ދަރިވަރުން ތަރުބިއްޔަތުކުރާ މުހިއްމު ބިނާއެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގައި ބެލެނިވެރިންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވައި، ގޭތެރެއަކީ ކުއްޖާގެ ފުރަތަމަ މަދަރުސާކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ދަރިވަރުންގެ ތައުލީމާއި ތަރުބިއްޔަތުގައި ބެލެނިވެރިން ޓީޗަރުންނަށް ފުރިހަމަ އެއްބާރުލުން ދިނުމަށް މިނިސްޓަރު އިލްތިމާސްކުރެއްވިއެވެ.

ހާއްސަކޮށް، ދަރިވަރުންގެ ކަންކަމުގައި ސްކޫލަށް ހާޒިރުވާން އެދޭ ވަގުތުތަކުގައި، އެންމެ އެހީތެރިކަން ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް އެކަމަށް އިޖާބަ ނުދެވޭ މައްސަލައަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ.

އަދި ބެލެނިވެރިންނަށް ބޭނުންވާ އެހީތެރިކަން ސަޕޯޓް ސްޓާފުން މެދުވެރިކޮށް ފޯރުކޮށްދޭ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު