ގަލޮޅު ދަނޑު-
ގަލޮޅު ދަނޑު-
ކުޅިވަރު ކުޅޭ ހުރިހާ މައިދާންތަކެއްގައި ވެސް، ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ހަރަކާތްތައް ހުއްޓާލުމަށް ސްޕޯޓްސް މިނިސްޓްރީން ރަސްމީކޮށް އަންގައިފިއެވެ.

ސްޕޯޓްސް މިނިސްޓްރީން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، ކުޅިވަރުކުޅޭ ހުރިހާ ތަނެއްގައި ނަމާދަށް ގޮވުމާ އެކު 20 މިނެޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި، އެކަން ތަންފީޒުކުރުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމެއް ކަމަށެވެ.

މި ސާކިއުލާގައި މިނިސްޓްރީން ވަނީ އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް ނަމާދު ވަގުތަށް މެދުކަނޑާލައި، މި ސިޔާސަތު ފުރިހަމައަށް ތަންފީޒުކޮށްދިނުމަށް އެދިފައެވެ. އަދި މީގެ ތެރޭގައި އެސޯސިއޭޝަންތަކުގެ އިތުރުން، ކްލަބްތަކާއި، އެކަޑަމީތަކާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ކުޅިވަރު ހަރަކާތްތައް ވެސް ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކުޅިވަރު މައިދާންތަކުގައި ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ސިޔާސަތު ބަދަލުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވީ މި ހިނގާ މަހުގެ ފުރަތަމަ ދުވަހުއެވެ. ރައީސް ވިދާޅުވީ، ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ވަގުތަށް އިސްކަންދިނުމުގެ އިތުރުން، އެ ތަންތަނުގައި ފަސޭހައިން ނަމާދު ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

މީގެ އިތުރުން، ސަރުކާރުން އަލަށް ބިނާކުރާ ސްޕޯޓްސް ކޮމްޕްލެކްސްތަކާއި ކުޅިވަރާ ގުޅޭ އިމާރާތްތަކުގައި ނަމާދު ކުރެވޭނެ ހާއްސަ ތަންތަން ހިމެނުމަށް ނިންމަވާފައިވާ ކަމަށާއި، އެ މަސައްކަތްތައް މިހާރު އޮތީ ތަންފީޒީ މަރުހަލާގައި ކަމަށް ވެސް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު