ނިއުކްލިއަރ މިސައިލް ފޮނުވާލުމަށް ތައްޔާރުކޮށް،ފައި
ނިއުކްލިއަރ މިސައިލް ފޮނުވާލުމަށް ތައްޔާރުކޮށް،ފައި
ސްޓޮކްހޯމް އިންޓަރނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް (ސިޕްރީ) އިން ނެރުނު އެންމެ ފަހުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، 2025 ވަނަ އަހަރު އިންޑިއާއިން ވަނީ އެގައުމުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ނިއުކްލިއަރ ހަތިޔާރުތައް ތައްޔާރީ ހާލަތަށް ގެނެސްފައެވެ. މިއީ ސަރަހައްދީ ސަލާމަތީ މަޝްރަހަށް އައި ބޮޑު ބަދަލެއްގެ ގޮތުގައި އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

"ސިޕްރީ އިޔަރބުކް 2026" ގައި ބަޔާންކޮށްފައިވާ ގޮތުގައި، ދުނިޔޭގެ ގައުމުތަކުން މިހާރު ދަނީ އެގައުމުތަކުގެ ބާރުވެރިކަން ދެއްކުމަށް ނިއުކްލިއަރ ހަތިޔާރަށް ބަރޯސާވާ މިންވަރު އިތުރުކުރަމުންނެވެ. 2026 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށް ދުނިޔޭގައި ޖުމްލަ 12،187 ނިއުކްލިއަރ ހަތިޔާރު ހުރިއިރު، އޭގެ ތެރެއިން 9،745 ހަތިޔާރަކީ އަސްކަރީ ގޮތުން ބޭނުންކުރުމުގެ ގާބިލުކަން ހުރި ހަތިޔާރެވެ.

މީގެ ކުރިން އިންޑިއާގެ ނިއުކްލިއަރ ހަތިޔާރުތައް ގުދަންކޮށްފައި ބެހެއްޓި ނަމަވެސް، 2025 ވަނަ އަހަރު އޭގެ ތެރެއިން 12 ހަތިޔާރެއް ވަނީ ފޮނުވާލުމަށް ތައްޔާރުކޮށް، ލޯންޗް ޕްލެޓްފޯމްތަކަށް އަރުވާފައެވެ.

އިންޑިއާގެ މި ނިންމުމަކީ ސަރަހައްދީ ގޮތުން އުފެދިފައިވާ ނުތަނަވަސްކަމާ ގުޅިފައިވާ ކަމެކެވެ. ޚާއްޞަކޮށް 2025 ވަނަ އަހަރުގެ މޭ މަހު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިނގި ހަތަރު ދުވަހުގެ އަސްކަރީ ކުރިމަތިލުމަށްފަހު، ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ފުރުސަތު އޮތްކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.

އިންޑިއާގެ ނިއުކްލިއަރ ގާބިލުކަން އެއްގަމާއި، ކަނޑާއި އަދި ވައިގެ މަގުންވެސް ފޯރުކޮށްދެވޭއިރު، މީގެ ތެރޭގައި އަރިހާންތު ކްލާސްގެ ސަބްމެރިންތަކާއި، މިރާޖް 2000 އަދި ރަފޭލް ފަދަ ހަނގުރާމަމަތީ މަތިންދާބޯޓުތަކުގެ އިތުރުން އަގްނީ އާއި ބްރަމޯސް މިސައިލް ސިސްޓަމްތައް ހިމެނެއެވެ.

ޗައިނާގެ ނިއުކްލިއަރ ބާރުވެރިކަން އިތުރުވުން

ޗައިނާއިން ވެސް ވަނީ އެގައުމުގެ ތައްޔާރީ ހާލަތުގައި ހުރި ނިއުކްލިއަރ ހަތިޔާރުގެ އަދަދު 24 އިން 34 އަށް އިތުރުކޮށްފައެވެ. ސިޕްރީން ފާހަގަކުރާ ގޮތުގައި، ރަޝިޔާ އާއި އެމެރިކާ ފިޔަވައި، އިންޑިއާ އާއި ޗައިނާއަކީ މިހާރު ސުލްހަވެރި ވަގުތުތަކުގައި ވެސް މިސައިލްތަކަށް ނިއުކްލިއަރ ހެޑްތައް ހަރުކޮށްފައި ބަހައްޓާ ގައުމުތަކެވެ.

2026 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ ހަތިޔާރު ތައްޔާރީ ހާލަތުގައި ހުރީ ރަޝިޔާ (1،796) އަދި އެމެރިކާ (1،770) ގައެވެ. ފަރަންސޭސިވިލާތުގައި 280 އަދި އިނގިރޭސިވިލާތުގައި 120 ހަތިޔާރު ތައްޔާރަށް އެބަހުއްޓެވެ.

ޕާކިސްތާނުން އަދި ނިއުކްލިއަރ ހަތިޔާރު އޮޕަރޭޝަނަލް ހާލަތަށް ނުގެނައި ނަމަވެސް، އެ ގައުމުން ދަނީ ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާތައް (ފިސައިލް މެޓީރިއަލް) އިތުރުކުރަމުންނެވެ. ސިޕްރީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދިހަ އަހަރު ތެރޭގައި ޕާކިސްތާނުގެ ނިއުކްލިއަރ ރެޒާވް ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. 2025 ވަނަ އަހަރުގެ ކުރިމަތިލުމުގައި އިންޑިއާއިން ޕާކިސްތާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދިން ނަމަވެސް، ދެ ގައުމުން ވެސް ވަނީ ހާލަތު އިތުރަށް ގޯސްވިޔަނުދީ ހިފަހައްޓާފައެވެ.

ސިޕްރީން އިންޒާރު ދޭ ގޮތުގައި، ބައިނަލްއަގުވާމީ ސިޔާސީ މަޝްރަހު ގޯސްވެ، ގައުމުތަކުގެ މެދުގައި އޮތް ވާދަވެރިކަން އިތުރުވުމާ ގުޅިގެން ނިއުކްލިއަރ ހަތިޔާރުގެ ނުރައްކާ ވަނީ އިންތިހާއަށް ބޮޑުވެފައެވެ. ދުނިޔޭގައި ނިއުކްލިއަރ ހަތިޔާރު މިހާރު ހުރި ނުވަ ގައުމަކީ އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް، އިނގިރޭސިވިލާތް، އިންޑިއާ، ޕާކިސްތާން، އުތުރު ކޮރެއާ އަދި އިޒްރޭލެވެ.

އިންޑިއާ އާއި ޗައިނާ ފަދަ ގައުމުތަކުން އެގައުމުތަކުގެ ސަލާމަތީ އިސްތިރާތީޖީގެ ތެރެއަށް ނިއުކްލިއަރ ހަތިޔާރު ތައްޔާރީ ހާލަތުގައި ގެންގުޅުން އިތުރުކުރުމަކީ، ދުނިޔޭގެ މަޝްރަހު އިތުރަށް ގޯސްވެ ގައުމުތަކުގެ ތެރޭގައި މައްސަލަ ގޯސް ވާނެކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު