ލަކްޝަދީބުގެ ރިސޯރޓެއް
ލަކްޝަދީބުގެ ރިސޯރޓެއް
ފާއިތުވި 47 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އިންޑިއާގެ ލަކްޝަދީބުގައި ކޮންޓްރޯލް ކުރެވިފައިވާ ނިޒާމެއްގެ ދަށުން ރާ ވިއްކުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ 1979 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި "ލަކްޝަދީބު ޕްރޮހިބިޝަން ރެގިއުލޭޝަން" އުވާލުމަށްފަހުގައެވެ.

2026 ވަނަ އަހަރު އަމަލުކުރަން ފަށާ އައު "އެކްސައިޒް ރެގިއުލޭޝަން" ގެ ދަށުން، ރާ އުފެއްދުމާއި، އެތެރެކުރުމާއި، ގެންގުޅުމުގެ އިތުރުން ވިއްކުމުގެ ލައިސަންސް ދޫކުރުމުގެ މަގު ފަހިވެގެންދާނެއެވެ. ނަމަވެސް، މި ތަކެތިން ނަގާ ޓެކްސް ވަނީ ނިސްބަތުން ވަރަށް މަތިކޮށްފައެވެ. އެގޮތުން އިންޑިއާގައި އުފައްދާ ބޭރުގެ ބްރޭންޑްތަކާއި އިމްޕޯޓްކުރާ ރަލުން 400 އިންސައްތަ، ބިއަރުން 200 އިންސައްތަ އަދި ވައިން އިން 80 އިންސައްތަ ޓެކްސް ނެގުމަށް ވަނީ ހަމަޖެހިފައެވެ.

މި ގަވާއިދުގެ ދަށުން އުމުރުން 21 އަހަރުން ދަށުގެ ކުދިންނަށް ރާ ވިއްކުން މަނާވާނެއެވެ. އަދި ހާލަތަށް ރިއާޔަތްކޮށް، ވަކިވަކި ރަށްރަށުގައި ރާ ވިއްކުން މަނާކުރުމުގެ ފުރިހަމަ އިޚުތިޔާރު އެ ސަރަހައްދުގެ އެޑްމިނިސްޓްރޭޓަރަށް ލިބިގެންވެއެވެ.

މި ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ލަކްޝަދީބުގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމެވެ. އިންޑިއާ ސަރުކާރުން ދެކޭގޮތުގައި، އަވަށްޓެރި ދިވެހިރާއްޖެ ފަދަ ފަތުރުވެރިކަމުގެ މަންޒިލްތަކާ ވާދަކުރުމުގައި، ރަލުގެ ހިދުމަތް ނުލިބުމަކީ ކުރިމަތިވާ ބޮޑު ގޮންޖެހުމެކެވެ. ރާއްޖޭގެ ރިސޯޓުތަކުގައި މި ހިދުމަތް ލިބެން ހުންނާތީ، ލަކްޝަދީބަކީވެސް އެފަދަ މަގުބޫލު މަންޒިލަކަށް ހެދުމަށް ސަރުކާރުން ބޭނުންވެއެވެ. 2024 ވަނަ އަހަރު ބޮޑުވަޒީރު ނަރެންދުރަ މޯދީ ލަކްޝަދީބަށް ކުރެއްވި ޒިޔާރަތަށްފަހު، އެ ސަރަހައްދަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަނީ 47 އިންސައްތަ އިތުރުވެފައެވެ.

ލަކްޝަދީބުގެ އާބާދީގެ 97 އިންސައްތައަކީ މުސްލިމުން ކަމަށްވުމާއެކު، ދީނީ އަދި އިޖުތިމާއީ އަސާސްތަކަށް ބަލައި، މި ނިންމުމާ ދެކޮޅަށް ގިނަ ބަޔަކު ދަނީ އަޑުއުފުލަމުންނެވެ. ރާ ވިއްކުން ހުއްދަކުރުމަކީ އިޖުތިމާއީ މައްސަލަތައް އުފެދި، ދީނީ އަދި ސަގާފީ އުސޫލުތަކަށް އޮތް ނުރައްކަލެއް ކަމަށް ބުނެ، ރަށުގެ ރައްޔިތުންނާއި ސިޔާސީ އެކި ފަރާތްތަކުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ. ނަމަވެސް، ސަރުކާރުގެ ނިންމުމަކީ ހަރުދަނާ އުސޫލުތަކެއްގެ ދަށުން މި ހުއްދަ ދިނުމަކީ އިގްތިސާދީ ގޮތުންނާއި ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ދިވެހިރާއްޖެއާއި ލަކްޝަދީބަކީ އިންޑިއާ ކަނޑާއި އަރަބި ކަނޑުގައި އޮތް، ގުދުރަތީ ގޮތުން އެއްގޮތްކަމެއް ހުރި މުރަކަ ޖަޒީރާ ރަށްތަކެކެވެ. މި ދެ ސަރަހައްދުގެ މެދުގައި ސަގާފީ، ބަހަވީ އަދި ތާރީޚީ ގޮތުން ވަރަށް ގާތް ގުޅުންތަކެއް އޮވެއެވެ. ޚާއްޞަކޮށް ލަކްޝަދީބުގެ މަލިކު (މިނިކޮއި) ރައްޔިތުން ވާހަކަދައްކަނީ ދިވެހިބަހާ ވަރަށް އެއްގޮތް "މަހަލް" ބަހުރުވައިންނެވެ. މަލިކުގެ އާދަކާދަތަކާއި ދިރިއުޅުމުގެ ވައްޓަފާޅި، ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގެ ސަގާފަތާ ވަރަށް ބޮޑަށް އެއްގޮތްކަން ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު