ބީއެމްއެލް ހެޑް އޮފީސް
ބީއެމްއެލް ހެޑް އޮފީސް
ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ މާލީ ވަރުގަދަކަމާއި، މާކެޓުގައި އޮތް އިސް މަގާމާއި، ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ބަލައިގަނެ، ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ ފިޗް ރޭޓިންގްސް އިން އެ ބޭންކަށް ކްރެޑިޓް ރޭޓިންގްއެއް ދީފިއެވެ.

ފިޗުން ބީ.އެމް.އެލް ގެ ލޯންގް-ޓާމް އިޝުއަރ ޑިފޯލްޓް ރޭޓިންގް ކަނޑައަޅާފައިވަނީ 'ސީސީސީ-' ގައެވެ. އަދި ބޭންކުގެ އައުޓްލުކް ވަނީ 'ސްޓޭބަލް' ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައިވާ ހާލަތެއްގައެވެ. މީގެ އިތުރުން، ބޭންކުގެ ލޯކަލް ކަރަންސީ ލޯންގް-ޓާމް އައިޑީއާރު 'ސީސީސީ+' ގައި ކަނޑައަޅާފައިވާއިރު، މިއީ ދައުލަތުގެ ސޮވަރިން ރޭޓިންގްއަށްވުރެ ދެ ދަރަޖަ މަތީ ރޭޓިންގްއެކެވެ.

މިއިން ދޭހަވަނީ ދައުލަތުގެ މާލީ ހާލަތާ އަޅާބަލާއިރު ބޭންކުގެ އަމިއްލަ މާލީ ދުޅަހެޔޮކަން ވަރުގަދަ ކަމެވެ.

މި ރޭޓިންގް ދީފައިވަނީ، އޭޕްރީލް 2026 ގައި ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކް ރާއްޖެއިން ކާމިޔާބުކަމާއެކު އަދާކުރުމާ ގުޅިގެން، ރާއްޖޭގެ ސޮވަރިން ރޭޓިންގް 'ސީސީ' އިން 'ސީސީސީ-' އަށް ފިޗުން މަތިކުރުމާ ގުޅިގެންނެވެ.

ރާއްޖޭގެ ރޭޓިންގް މަތިކުރުމުގައި ސަރުކާރުން އާމްދަނީ އިތުރުކުރުމަށް ފެށި އިސްލާހީ މަސައްކަތްތަކާއި ބޭރު ފައިސާގެ ގާނޫނަށް ގެނައި ބަދަލުތައް މުހިންމު ދައުރެއް އަދާކުރިއެވެ.

ރާއްޖެއަށް ބަލާއިރު، މި ރޭޓިންގްތަކުން ދޭހަވަނީ ސަރުކާރުން އަޅަމުންދާ އިގުތިސާދީ ފިޔަވަޅުތަކާއި މާލީ ނިޒާމަށް ގެންނަ ހަރުދަނާ ބަދަލުތައް ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ބަލައިގަންނަމުންދާ ކަމެވެ.

ފިޗުން ވަނީ ދިވެހި ބޭންކިންގް ދާއިރާގައި ބީއެމްއެލްގެ އޮތް ބޮޑު ހިއްސާއާއި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ފޯރުކޮށްދޭ ފުޅާ ޚިދުމަތްތަކާއި، ވާދަވެރި މާކެޓެއްގައި އޮތް ވަރުގަދަ މަގާމު ފާހަގަކޮށްފައެވެ. އެ ބޭންކަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ ނެޓްވޯކަކާއި ޒަމާނީ ޑިޖިޓަލް ބޭންކިންގް ވަސީލަތްތައް މެދުވެރިކޮށް އާންމު ފަރުދުންނާއި، ވިޔަފާރިތަކަށް މެދުނުކެނޑި ޚިދުމަތް ދެމުންދާ ބޭންކެކެވެ.

ބީ.އެމް.އެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވި ގޮތުގައި، ފިޗްގެ މި ވަޒަންކުރުމަކީ ބޭންކުގެ މާކެޓް ލީޑަރޝިޕާއި، މާލީ ގޮތުން ދައްކަމުންދާ ހަރުދަނާ ނަތީޖާތަކާއި، ކުދި ޖަޒީރާ ގައުމެއްގެ އިގުތިސާދުގައި ހުރި ގޮންޖެހުންތަކާ އެކުވެސް ކުރިއަށްދިއުމުގެ ގާބިލުކަން ބަލައިގަތުމެވެ.

އަދި ބޭންކުގެ ރޭޓިންގް ވަރުގަދަވުމުގެ އެއް ސަބަބެއްގެ ގޮތުގައި ފިޗުން ފާހަގަކޮށްފައިވަނީ ބޭންކުގެ ރައުސްމާލު ވަރުގަދަވުމެވެ. މިއީ ބޭންކުގެ އަމިއްލަ ހިންގުމުގެ ތެރެއިން ރައުސްމާލު އިތުރުކުރުމުގެ ގާބިލުކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓް ސިޔާސަތުތަކާއި، ގައުމުގެ އިގުތިސާދަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދެމުންވެސް މާލީ ރައްކާތެރިކަން ދެމެހެއްޓުމުގެ ގާބިލުކަން ހުރިކަން ހާމަކޮށްދޭ ކަމެކެވެ.

ރާއްޖެއިން އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް އަޅަމުންދާއިރު، ބީއެމްއެލްގެ މި ރޭޓިންގްއިން ހާމަވަނީ މާލީ ހަމަޖެހުން ދެމެހެއްޓުމަށާއި ދިގު މުއްދަތުގެ އިގުތިސާދީ ކުރިއެރުމަށް ގައުމީ ބޭންކެއްގެ ދައުރު މުހިންމު ކަމެވެ.



ކިޔުންތެރިންގެ ހިޔާލު