ރައީސް ޑރ. މުޢިއްޒު
ރައީސް ޑރ. މުޢިއްޒު
ކާބޯތަކެތީގެ ރައްކާތެރިކަމުގެ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށާއި، މުޖުތަމަޢުގެ ހުރިހާ ދާއިރާއަކުން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން އިލްތިމާސް ކުރެއްވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ. ރައީސްގެ މެސެޖުގައި، ރައްކާތެރި ކާބޯތަކެތީގެ ސަބަބުން ޢާންމު ޞިއްޙަތަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށާއި، އިންސާނާގެ ދުޅަހެޔޮކަމަށް ލިބޭ ބޮޑު ކުރިއެރުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

އަދި ކާބޯތަކެތީގެ ޒަރީއާއިން ޖެހޭ ބަލިތަކުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ނޭދެވޭ އަސަރުކުރަމުންދާކަމަށާއި، މިއީ ޞިއްޙީ ނިޒާމަށާއި، ދިރިއުޅުމުގެ ވަސީލަތްތަކަށާއި، ޤައުމުގެ އިޤްތިޞާދަށް އޮތް ބޮޑު ބުރައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިއާއެކު، ނިޒާމުތައް ހަރުދަނާކޮށް، ތަފާސްހިސާބުތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ފިޔަވަޅުތައް އަޅައި، އެންމެން ގުޅިގެން މަސައްކަތް ކޮށްފިނަމަ މިފަދަ ގިނަ ބަލިތަކުން ރައްކާތެރިވެވޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ބޭނުންކުރާ އެންމެހާ ކާބޯތަކެތީގެ ރައްކާތެރިކަމާއި، އެތަކެއްޗަކީ ހަށިގަނޑަށް ފައިދާހުރި، އަދި އިތުބާރުކުރުވޭ މިންގަނޑުތަކެއްގެ ތެރެއިން ފޯރުކޮށްދޭ ތަކެތިކަން ކަށަވަރުކުރުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރު ކުރެއްވިއެވެ. އެގޮތުން، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން ސަރުކާރުން ހަދަންޖެހޭ ޤަވާޢިދުތައް އެކުލަވާލުމާއި، ބޯޑަރުތަކުގައި ކާބޯތަކެތި ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް ވަރުގަދަކުރުމުގެ އިތުރުން، ކާބޯތަކެތީގެ ރައްކާތެރިކަން މޮނިޓަރކޮށް ޓެސްޓުކުރުމަށް ބޭނުންވާ ޤައުމީ ފަންނީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް ހުރިހާ ދާއިރާއެއްގެ އެއްބާރުލުން ބޭނުންވާނެކަން ފާހަގަކުރައްވަމުން، ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން ސާފުތާހިރުކަމުގެ މިންގަނޑުތައް ހިފެހެއްޓުމަށާއި، ޞިއްޙީ ދާއިރާގެ ބޭފުޅުން ބަލިތައް ދެނެގަތުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރެއްވިއެވެ. އަދި އާންމު ރައްޔިތުންވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ މަޢުލޫމާތު ހޯދައި، ގޭގޭގައި ކާބޯތަކެތި ގެންގުޅުމުގައި ރައްކާތެރި ގޮތްތައް އިސްކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ނުރައްކާތެރި ކާބޯތަކެއްޗާއި ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން އިންސާނީ ތަކްލީފުތައް ބޮޑުވެފައިވާ ޣައްޒާ ފަދަ ސަރަޙައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނާއެކު ދިވެހިރާއްޖެއިން ސާބިތުކަމާއެކު އޮތްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައި، ބައިނަލްއަޤުވާމީ މުޖުތަމަޢުން ސައިންސާއި ހެކިތަކުގެ އަލީގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލައްވައި، ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ބޯލެނބުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ވަނީ މެސެޖެއް ދެއްވާފައެވެ. އެކަމަނާގެ މެސެޖުގައި، ކާބޯތަކެތީގެ ރައްކާތެރިކަމަކީ ވިޔަފާރިވެރިންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުންނާއި، އަދި ކާބޯތަކެތި ބޭނުންކުރާ ފަރާތްތައް ހިމެނޭހެން އެންމެންގެ ހިއްސާ އޮންނަ ޖަމަޢީ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި، ދުޅަހެޔޮ މުސްތަޤުބަލެއް ބިނާކުރުމަށް އެންމެން އެކުގައި މަސައްކަތްކުރުމަށް އިލްތިމާސްކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު