އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މާލްވިޔާ ނަގަރުގައި ހުންނަ ހޮޓަލެއްގައި މި ހަފުތާގެ ކުރީކޮޅު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ ތަނުގެ ކައްކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިދިޔަ ބުދަ ދުވަހު "ފްލޮރިޝް ސްޓޭ" ނަމަކަށް ކިޔާ ހޮޓަލުގައި ހިނގި މި ހިތާމަވެރި ހާދިސާގައި 21 މީހަކު ވަނީ ފުރާނަ ގެއްލިފައެވެ. މަރުވި މީހުންގެ ތެރޭގައި 13 ބިދޭސީން ހިމެނޭއިރު، އޭގެ ތެރޭގައި ބޭސްފަރުވާއަށް އިންޑިއާއަށް ގޮސް ތިބި މީހުން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި މައްސަލައިގައި އިއްޔެ ހައްޔަރުކޮށްފައިވަނީ އުމުރުން 65 އަހަރުގެ ކޭޝަވް ނޭގީ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފަރުވާކުޑަކުރުމުގެ ސަބަބުން މީހުންގެ ފުރާނައަށް ނުރައްކާވާ ފަދަ އަމަލެއް ހިންގުމުގެ ތުހުމަތެވެ.

ފުލުހުންގެ ތަހުގީގަށް ބަޔާން ދެމުން ކޭޝަވް ބުނެފައިވާ ގޮތުގައި، އަލިފާން ރޯވާން މެދުވެރިވީ ބަދިގޭގައި ހުރި ފްރަޔަރެއް ޖެއްސި ވަގުތު އެއިން ކަރަންޓު ޝޯޓެއް ވުމުގެ ސަބަބުންނެވެ. އަލިފާން ރޯވުމާއެކު، އޭނާ ވަނީ ހޮޓަލުގެ މެއިން ސްވިޗުން ކަރަންޓު ކަނޑާލުމަށްފަހު އެ ތަނުން ނުކުމެގެން ގޮސްފައެވެ.

ނަމަވެސް، ފުލުހުންގެ ތަހުގީގުން ހާމަވި ގޮތުގައި ކަރަންޓު ކަނޑާލުމުން ހޮޓަލުގެ އިލެކްޓްރޯނިކް ދޮރުތައް ވަނީ ތަޅުލެވިފައެވެ. މީގެ ސަބަބުން އިމާރާތުގެ ތެރޭގައި ތިބި މީހުންނަށް ބޭރަށް ނުނިކުމެވި ތާށިވީއެވެ. މި ހާދިސާގައި ގިނަ މީހުން މަރުވެފައިވަނީ އަލިފާނުގެ ސަބަބުން ފިހިގެންނަށް ވުރެ ބޮޑަށް، ދުމުގެ އަސަރުކޮށް ނޭވާ ހާސްވެގެން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައިގައި ކައްކާގެ އިތުރުން ހޮޓަލުގެ ވެރިމީހާ ލަވްކޭޝް ބަޖާޖު ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. ތަހުގީގުން އެނގުނު ގޮތުގައި އެ ހޮޓަލަކީ ހަ ކޮޓަރި ހިންގުމުގެ ހުއްދަ އޮތް ތަނެއް ނަމަވެސް، ގަވާއިދާ ހިލާފަށް 28 ކޮޓަރި ހަދައިގެން ހިންގަމުންދިޔަ ތަނެކެވެ. އަދި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ އެއްވެސް ފިޔަވަޅެއް އެ ތަނުގައި ފުރިހަމަކޮށްފައި ނުވާކަން ކަމާބެހޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގެ ތަހުގީގު އިންޑިއާ ފުލުހުން އަންނަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު